މާލީ ބާޒާރުތަކުގައި "ރިސްކް-އޮފް ސެންޓިމެންޓް" ފެތުރި، ބައިނަލްއަޤްވާމީ މާލީ ބާޒާރުތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމުގެ ހަބަރުތައް ވަނީ ލިބިފައެވެ. މި ހާލަތާ ގުޅިގެން، ބިޓްކޮއިންގެ އަގު އަންގާރަ ދުވަހު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ޖޫން މަހުގެ ފަހުން 100,000 ޑޮލަރަށްވުރެ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރަށް ވެގެން ގޮސްފައިވެއެވެ.
އަންގާރަ ދުވަހު ބިޓްކޮއިންގެ އަގު ހަ އިންސައްތައަށްވުރެ ބޮޑަށް ދަށަށް ދިއުމާ އެކު، އެމެރިކާގެ މައި މާލީ އިންޑެކްސްތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ. އެގޮތުން، އެސް.ޕީ 500 އިން 1.17 އިންސައްތަ ދަށަށް ދިޔައިރު، ނެސްޑެކް 2.04 އިންސައްތަ އަދި ޑޯ ޖޯންސް އިންޑަސްޓްރިއަލް އެވެރެޖް 0.53 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. ޓެކްނޮލޮޖީ އަދި ސެމިކޮންޑަކްޓަރގެ ހިއްސާތައް ވަކިން ޚާއްސަ ގޮތެއްގައި ވަރަށް ބަލިކަށިކޮށް ފެނިގެން ގޮސްފައިވެއެވެ. ގޯލްޑްމަން ސެކްސް އާއި މޯގަން ސްޓެންލީގެ ސީ.އީ.އޯ.އިން ވަނީ، އަންނަ އަހަރުތަކުގައި ހިއްސާ ބާޒާރުތަކަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެދާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
ފައިސާގެ ހާލަތު ބަދަލުވުމާއި ބާޒާރުގެ އޮޅުންބޮޅުންވުމުގެ ސަބަބުން، އިންވެސްޓަރުން މިހާރު ތިބީ ވަރަށް ބޮޑަށް ސަމާލުކަމާ އެކުއެވެ. އެގޮތުން، ގިނަ ބަޔަކު ދަނީ ބޮޑެތި ރިސްކު ހިމެނޭ މުދާ އިންވެސްޓް ކުރުން މަދުކުރަމުންނެވެ. ޓްރެޜަރީގެ ރިޓަރންތައް ދަށްވިއިރު، އެމެރިކާ ޑޮލަރު ވަނީ ޔޫރޯއާ ދެކޮޅަށް ހަތަރު މަސް ދުވަހުގެ ތެރޭގައި މަތީ އަގަކަށް އަރާފައެވެ. މިކަމުގެ ސަބަބުން ކްރިޕްޓޯ ކަރަންސީތައް ވެސް ހިމެނޭގޮތަށް، ރިސްކު މުދަލަށް އިތުރު ބާރެއް ކުރިމަތިވެފައިވެއެވެ.
ނިވީޑިއާގެ ހިއްސާ ހަތަރު އިންސައްތަ ދަށަށް ދިޔައިރު، ސެމިކޮންޑަކްޓަރ އިންޑެކްސް ވެސް ވަނީ ހަތަރު އިންސައްތަ ދަށަށް ގޮސްފައެވެ. ޕަލަންޓީއާ ޓެކްނޮލޮޖީސްގެ ހިއްސާ، ވަރުގަދަ ކުއާޓަރީ ނަތީޖާއެއް ރިޕޯޓްކޮށް ހަތަރުވަނަ ކުއާޓަރުގައި ހަލުވި ކުރިއެރުމެއް ލަފާކޮށްފައިވީ ނަމަވެސް، އަށް އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވެއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ހަލުވިކަމާއެކު ބަލައިގަތުމުގެ ސަބަބުން ޕަލަންޓީއާގެ ހިދުމަތްތަކަށް އޮތް ޑިމާންޑް ވަނީ އިތުރުވެފައެވެ. އިންވެސްޓަރު މައިކަލް ބަރީ ވަނީ ރެގިއުލޭޓަރީ ފައިލިންގްސްތަކުން ދައްކާ ގޮތުގައި، ނިވީޑިއާ އާއި ޕަލަންޓީއާ ދެކޮޅަށް ވެސް "ބެރިޝް ޕޮޒިޝަން" ތަކެއް ނަންގަވާފައެވެ.
ދުނިޔޭގެ މާލީ ބާޒާރުތަކަށް ވެސް މިކަމުގެ އަސަރު ކޮށްފައިވެއެވެ. އެގޮތުން، އެމް.އެސް.ސީ.އައި ގްލޯބަލް ސްޓޮކް އިންޑެކްސް 1.14 އިންސައްތަ ދަށަށް ދިޔައިރު، ޔޫރަޕްގެ ސްޓޮކްސް 600 އިންޑެކްސް 0.3 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. މީގެކުރިން އޭ.އައި ޑީލްތަކާ ބެހޭ ގޮތުން އުފެދިފައިވާ އުފާވެރިކަމުގެ ސަބަބުން ބާޒާރުތައް ވަނީ ކުރިއަރާފައެވެ. އެމެޒޯންއިން އޯޕަންއޭ.އައި އާ އެކު ހެދި 38 ބިލިއަން ޑޮލަރުގެ ކްލައުޑް ސަރވިސަސް ޑީލްގެ ސަބަބުން ހިއްސާގެ ފައިދާ ވަކި ހިސާބަކަށް ހިފެހެއްޓިފައިވެއެވެ.
މަނީ މާކެޓްތައް ވެސް ވަނީ ހަލަބޮލިވެފައެވެ. އެމެރިކާގެ ފެޑެރަލް ރިޒާވްއިން ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ފައިސާގެ ސިޔާސަތު ލުއިކުރުމުގެ އުއްމީދު ދަށްވުމުގެ ސަބަބުން، އެމެރިކާ ޑޮލަރު ވަނީ ވަރުގަދަވެފައެވެ. ޔޫރޯގެ އަގު 1.148 ޑޮލަރަށް ދަށްވިއިރު، މިއީ އޮގަސްޓު 1 ވަނަ ދުވަހުގެ ފަހުން އެންމެ ދަށް އަގެވެ. އިނގިރޭސިވިލާތުގެ ފައިނޭންސް މިނިސްޓަރު ކުރިއަށް އޮތް ބަޖެޓާއި ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ސްޓަރލިންގް ވަނީ 0.72 އިންސައްތަ ދަށަށް ގޮސްފައެވެ.
ކުރޫޑް ތެލުގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ. އެމެރިކާގެ ކުރޫޑް ތެލުގެ އަގު ބެރަލަކަށް 60.56 ޑޮލަރަށް ނިމުނުއިރު، ބްރެންޓް ކުރޫޑްގެ އަގު ބެރަލަކަށް 64.44 ޑޮލަރަށް ވަނީ ހަމަޖެހިފައެވެ. ޑޮލަރު ވަރުގަދަވުމަކީ ކުރޫޑް ތެލުގެ އަގު ދަށްވުމަށް މެދުވެރިވި އެއް ސަބަބެވެ.

