ފަސޭހަ އަދި އަވަސް މާލީ ޚިދުމަތްތަކަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދެއްކޭނެ ގޮތް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތް މުޅި ރާއްޖޭގެ އެސްޑީއެފްސީގެ ކަސްޓަމަރުންނަށް ލިބޭނެއެވެ.
އެސްޑީއެފްސީއިން ވިދާޅުވެފައިވަނީ މަރުޙަލާތަކަކަށް ބަހާލައިގެން ފެށުނު މި އިންޓަގްރޭޝަނާއެކު، އެ ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ ބޭނުންކޮށްގެން ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ޚިދުމަތް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ. މި ޚިދުމަތުގެ ސަބަބުން، ވިޔަފާރިތަކަށް މާލީ މުއާމަލާތްތައް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެސްޑީއެފްސީއިން ފާހަގަކުރެއެވެ.
މި އިންޓަގްރޭޝަންއާ ގުޅޭގޮތުން ، އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ އެސްއެމްއީތަކަށް ފޯރުކޮށްދެވޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ބަދުރުއްދީން ވިދާޅުވީ، އެސްޑީއެފްސީގެ ފެސިލިޓީތައް ބީއެމްއެލްގެ ބޭންކިންގ ނިޒާމާ ގުޅުވާލުމުން ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުން މާ ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ކުރިން ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފަރތައް މަދުވެ، ރިއަލް-ޓައިމްކޮށް ޕޭމަންޓް ތަކުގެ އަޕްޑޭޓް ލިބި، ހިދުމަތްތައް އަވަސް ވެގެންދާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ހޯދުމަށް، ބީއެމްއެލް ބޭންކިންގ ނިޒާމުގައި ބޭނުންކުރާ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ، "އެކައުންޓް" ޓެބުގެ ދަށުން ފެސިލިޓީގެ ތަފުސީލު، ފެސިލިޓީގެ ބާކީ އަދަދު، އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިމެނޭހެން މުހިންމު މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެސްޑީއެފްސީއިން ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުންކުރުމަށް އެހީތެރިވުމުގެ ގޮތުން، އެސްޑީއެފްސީގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ބިލް ޕޭ ފީޗަރ މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ވަނީ ޝާއިޢުކޮށްފައެވެ.

