ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ނަމުން ނަން ދެވިފައިވާ ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމު އަންނަ އަހަރުގެ އޭޕްރީލް މަހު ރަސްމީކޮށް ފަށަން ނިންމާފައިވާކަން އިޢުލާންކޮށްފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޕްރޮގްރާމަކީ އިޤްތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ. މިއީ ރާއްޖެއަށް ޒިންމާދާރު އިންވެސްޓުމަންޓުތައް ގެނައުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ޕްރޮގްރާމުގެ ސަބަބުން އީޖާދީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ބިންގާ އެޅިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖުލައި މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހި ސަރުކާރާއި ދުނިޔޭގެ ފެންވަރުގައި މިފަދަ ކަންކަމުގައި ފާހަގަކޮށްލެވޭ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލުމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހުޅުވި، ދިރިއުޅެން އަދި އިންވެސްޓްކުރަން އެންމެ ރަނގަޅު ރަށްތަކުގެ އިޤްތިޞާދެއްގެ ގޮތުގައި ދިވެހިރާއްޖެ ފާހަގަކުރެވޭނެކަމަށް ޤަބޫލުކުރެވެއެވެ.

