އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި، ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްޞަދުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެކުލަވާލި އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. މި ސްކީމުގެ ދަށުން، ދިވެހި އަންހެނުންނަށް ވިޔަފާރިތައް ފެށުމަށާއި، މިހާރުވެސް ހިނގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމާއި، ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވައި، އިޤްތިޞާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށް ވެސް މި ސްކީމުން މަގުފަހިވާނެއެވެ. މި ސްކީމުގެ ދަށުން، ވިޔަފާރި މުޅިން އަލަށް ފެށުމަށް ނުވަތަ މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް، ތަފާތު އެކި ދާއިރާތަކަށް އަމާޒުކޮށް ފައިނޭންސިންގ ލިބޭނެއެވެ.

ޝަރީޢާ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާ މި އައު ސްކީމްގެ ދަށުން، 25,000 ރުފިޔާއިން ފެށިގެން 250,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބޭނެއެވެ. މި ފެސިލިޓީ ދެއްކުމަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑްއަކާއެކު 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގ ފެސިލިޓީއެއް ކަމަށްވާއިރު، ފައިދާ ރޭޓަކީ އަހަރަކު %9.5 އެވެ. މި ފުރުސަތުގެ ސަބަބުން، އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، ކުރިއެރުވުމަށާއި، އަދި ޤައުމުގެ އިޤްތިސާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ބައެއްގެ ގޮތުގައި ވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެއެވެ.

މި ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމާއި ގުޅިގެން އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، "މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް. މި ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިޤްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ. އެޕްލިކޭޝަން ބަލައިގަތުން ފެށުމާއެކު، ގިނަ އަންހެން ފަރާތްތަކަށް މި ހާއްސަ ފުރުސަތުގެ ބޭނުން ހިފުމުގެ މަގު ތަނަވަސްވެގެންދާނެ، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ،" އެވެ.

މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

އަލަށް މި ހުޅުވާލެވުނު ސްކީމްގެ އިތުރުން، އެސްޑީއެފްސީ އިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ވެސް ފައިނޭންސިންގ ދޫކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *