މާލޭގައި ހުންނަ އައިކެއާ ހޮސްޕިޓަލުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕާސް ޕްލާނާ ވިޓްރެކްޓަމީ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ހަދައިފި އެވެ. މި ސާޖަރީ ހެދީ މިދިޔަ އާދިތަ ދުވަހު، އުމުރުން 51 އަހަރުގެ ޕޭޝަންޓެއްގެ ލޮލުގައި ދިމާވެފައިވާ ބޮޑު ރެޓިނާ ޑިޓެޗްމަންޓްގެ މައްސަލައެއް ހައްލުކުރުމަށެވެ.

އައިކެއާ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ނާޒުކު ސާޖަރީ ކުރައްވާފައިވަނީ އެ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސާޖަން، ޑރ. އަމޯގް އަސްގަވޮންކާ އާއި އޭނާގެ ހާއްސަ ޓީމުންނެވެ. މި ސާޖަރީއަކީ ކައިރި ފެނުމުގައި މައްސަލަ ހުރި ޕޭޝަންޓެއްގެ ލޮލުގައި ދިމާވެފައިވާ ރެޓިނާ ޑިޓެޗްމަންޓްގެ ބޮޑު މައްސަލައެއް ހައްލުކުރުމަށް ކުރެވުނު އޮޕަރޭޝަނެކެވެ.

އައިކެއާއިން ފާހަގަކުރި ގޮތުގައި، މި ބާވަތުގެ ބޮޑު ރެޓިނާ ސާޖަރީއެއް ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މި އޮޕަރޭޝަން ކުރުމަށް ހާއްސަ ސާޖިކަލް ފަރުވާތެރިކަމާއި، ހުނަރުވެރިކަން ބޭނުންވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެހެންކަމުން މިއީ އައިކެއާ ހޮސްޕިޓަލަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީއަކީ ރާއްޖޭގެ ލޮލުގެ ފަރުވާގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިކެއާއިން ފާހަގަކުރެ އެވެ.

މި އޮޕަރޭޝަން ކާމިޔާބުވުމާއެކު، ދިވެހިންނަށް މިހާރު ރާއްޖެއިން ބޭރަށް ދަތުރުނުކޮށް، ރާއްޖޭގައި ތިބެގެން ޒަމާނީ ރެޓިނާ ސާޖަރީތަކުގެ ފަރުވާ ލިބޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް އައިކެއާ ހޮސްޕިޓަލުން ބުނެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *