ސަރުކާރުން އެއްފަހަރާ 209 މަޝްރޫޢު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވަނީ، ޒުވާނުންނާ ގުޅޭ ދާއިރާއިން ދެ މަޝްރޫޢުއާއި މަސްވެރިކަމުގެ ދާއިރާއިން ދެ މަޝްރޫޢު ހިމެނޭގޮތަށެވެ. މިއީ އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަޝްރޫޢު އަމިއްލަ ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި ފުރަތަމަ ފަހަރު ކަމަށް ސަރުކާރުން ހާމަކުރެއެވެ. މި މަޝްރޫޢުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާސެލޯ ނަސަންދުރާގައި ވަނީ ބާއްވާފައެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި، ޒުވާނުންނާ ގުޅޭ ދާއިރާގެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވުޒާރާއާއި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކާ ދެމެދުގައެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއާއި ކުންފުނިތަކާ ދެމެދުގައެވެ.
ޒުވާނުންގެ ދާއިރާގެ ދެ މަޝްރޫޢު ކަމަށްވާ، ހދ. ކުޅުދުއްފުށި ޔޫތު ތަރޑް ސްޕޭސް ބިނާކުރުމާއި، ގދ. ތިނަދޫ ޔޫތު ތަރޑް ސްޕޭސް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މަސްވެރިކަމުގެ ދާއިރާގެ ދެ މަޝްރޫޢުގެ ތެރެއިން، ފ. ނިލަންދޫގައި މަސް ޕްރޮސަސްކުރާ ފެކްޓްރީއެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްއޭ އެންއެން އިންޓަނޭޝަނަލްއާއެވެ. އަދި ގދ. ފިޔޮރީގައި މަސް ޕްރޮސަސްކުރާ ފެކްޓްރީއެއް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޭތިއެން ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި ރަސްމިއްޔާތުގައި ޖުމުލަ 9 ދާއިރާއަކުން 209 މަޝްރޫޢު ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ސަބަބުން އެ ކުންފުނިތަކަށް މާލީ ތަނަވަސްކަން ހޯދައިދިނުމެވެ. އަދި މި މަޝްރޫޢުތައް ހަވާލުކުރެވުމާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

