ބަނގުރޫޓުވާނެ ގޮތަކަށް ބައްޓަންކޮށްފައި އޮތް ރާއްޖޭގެ އިގްތިސާދު މިހާރު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އުމްރާނީ ތަރައްގީގެ ހާއްސަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ބަނގުރޫޓުވާންދާ ގޮތަށް ޑިޒައިންކޮށްފައި ކަމަށެވެ. ނަމަވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ސަރުކާރުގެ ތެރެއިން އެންމެން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު އިގްތިސާދު ކޮޅަށް ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގަ ފުން އަނދަވަޅަކަށް ވައްޓާލާފައިވާ ޑިފޯލްޓު ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގުތިސާދެއް ނަގާ ކޮޅަށް ޖަހާ، ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާއެކު ސަރުކާރުގެ ތެރެއިން އެންމެން ވެގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ސޮއިކުރުމާ ހަމައަށް ވެސް އާދެވުނީ
ރައީސް
ރައީސް ވިދާޅުވި ގޮތުގައި އިގްތިސާދުގައި ބުންވަރު ނެތް ނަމަ މިއަދު މި ސޮއިކުރެވުނު މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެއެވެ. އަދި ސަރުކާރާ މެދު ޕްރައިވެޓް ސެކްޓާގެ އިތުބާރު ނެތްނަމަ މިކަންކަން މިހިސާބަށް ގެނައުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، ކަންކަން ކުރައްވަނީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އާންމުންވެސް މުއްސަނދިވެގެންދިއުން ކަމަށާއި، ފަންސާސް ތިން ކުންފުންޏަކާ ހަވާލުކުރި މި މަޝްރޫއުތަކުގެ އެހީގައި ޕްރައިވެޓް ސެކްޓާ، ވަކިން ހާއްސަކޮށް ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދިރުމެއް އަންނާނެ ކަމަށެވެ.
ސަރުކާރުން މި މަޝްރޫއުތައް ހަވާލުކުރީ އޮންނަ އިޖުރާއަތްތަކުގެ ތެރެއިން، ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި އެއްވެސް ލަސްތަކެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން ދެއްވެވިއެވެ. އެއާއެކު، މި މަޝްރޫއުތައް ނިންމުމަށް ސަރުކާރުން މި ކުންފުނިތަކަށް ދެވެން އޮތް އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ޕްރައިވެޓް ކުންފުނިތަކަށް މިފަދަ މަޝްރޫއުތައް ދީގެން އެތައް ބަޔަކަށް ފައިދާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއަދު 206 މަޝްރޫއުއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، ފާއިތުވި ދެ ދުވަހު ވެސް ސަރުކާރުން ވަނީ ތަރައްގީގެ 10 މަޝްރޫއެއް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެ 216 މަޝްރޫއުގައި ހިމެނެނީ 123 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެވެ. މި މަޝްރޫއުތައް 21 ދުވަސް ތެރޭގައި މޮބިލައިޒް ކުރުމަށް ކަނޑައެޅިފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

