ދިވެހި ޒުވާނުން ބާރުވެރިކުރުމާއި، ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މެއިން ސްޕޮންސަރޝިޕްގެ ދަށުން، ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ (ވަރަ އެކްސްޕޯ 2025) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. މި އެކްސްޕޯ ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ރޭ 22:00 އާ ހަމައަށެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ، ދިވެހި ޒުވާނުންނަށް ތަފާތު ދާއިރާތަކުން ލިބެންހުރި ވަޒީފާގެ ފުރުސަތުތަކާއި، ތައުލީމީ ޕްރޮގްރާމްތަކުގެ މައުލޫމާތު އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ޒުވާނުންނަށް އެމީހުންގެ ކުރިމަގު ބައްޓަންކުރުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީވެސް މި އެކްސްޕޯގެ މުހިންމު ބޭނުމެކެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރ، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ޚާއްސަ ސްޓޯލެއް ގާއިމުކޮށްފައެވެ. މި ސްޓޯލުން ބޭންކުގެ އިންޓަރންޝިޕް ޕްރޮގްރާމާއި ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ އިތުރުން، ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ އިންޑަސްޓްރިއަލް ޕްލޭސްމަންޓްތަކާ ގުޅޭ މައުލޫމާތުތައްވެސް ހިއްސާކުރާނެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއަރ ގައިޑެންސް އާއި ޖޮބް ކޯޗިންގވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެއެވެ. މިއީ ވަޒީފާގެ މާކެޓަށް ނުކުންނަ ޒުވާނުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެކެވެ.
ފާއިތުވި އަހަރުގެ އެކްސްޕޯއަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބި، 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. މި އަހަރުވެސް މިފަދަ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން އުއްމީދުކުރެއެވެ.

