ދިވެހިރާއްޖޭގެ ރީތިކަމާއި ތިމާވެއްޓަށް ލޯބިކުރާ ޒުވާނެއްގެ ހިތްވަރުގަދަ މަސައްކަތްތަކުގެ ވާހަކަ މި ލިޔުމުގައި ކިޔައިދޭނަމެވެ. މަސައްކަތެއް ކުރަން ކެރިއްޖެއްޔާ ކޮންމެ މަސައްކަތަކުންވެސް ކުރިއަށްދެވޭނެކަން ލާމު އަތޮޅަށް އުފަން އާދަމް ޒަމީރު ( ކޮކީ) ވަނީ ސާބިތުކޮށްދީފައެވެ. ވިޔަފާރިއެއް ފެށުމަށް ބޭނުންވަނީ ބޮޑު ހަރަދަކާއި ބޮޑު ކުންފުންޏެއްނޫނެވެ. މިފަދަ ކުޑަކުޑަ މަސައްކަތަކުންވެސް އާމްދަނީގެ އިތުރުން ގައުމަށް ދިމާވާ ތިމާވެށީގެ މައްސަލަތަކަށްވެސް ހައްލުހޯދަން މަސަައްކަތްކުރެވިދާނެއެވެ.
ލ. އަތޮޅުގެ ހިތްގައިމު ރީތިކަމުގެ ތެރެއިން، ތިމާވެއްޓަށް ލޯބިކުރާ އަދި އުފެއްދުންތެރި ޒުވާނެއްކަމަށްވާ އާދަމް ޒަމީރު ( ކޮކީ) ވަނީ ގޮނޑުދޮށަށް އުކާލާފަހުންނަ ޕްލާސްޓިކް ކުނި ނައްތާލުމަށް، އޭގެން ހިތްގައިމު ތަކެތި އުފައްދައިގެން މުޅިން އައު ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ފަށާފައެވެ. "ކްރާފްޓެޑް އިން ލާމު" މި ނަމުގައި ފެށި މި ކުޑަ ވިޔަފާރި ނުވަތަ މަސައްކަތަކީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ؛ އެއީ ރިސޯޓެއްގައި މަސައްކަތްކުރާ ދިވެހި ޒުވާނެއްގެ ހިތްވަރާއި ވިސްނުމުގެ ނަތީޖާއެވެ. އޭނާގެ އޮފް ދުވަސްތަކުގެ ގިނަ ވަގުތު ހޭދަކުރަނީ ރަށުގެ ރީތި ގޮނޑުދޮށްތަކުގައެވެ. ނަމަވެސް، އާދަމް ފާހަގަ ކުރި ގޮތުގައި ފެނިގެންދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. އެއީ ރާއްޖޭގެ ރީތި ހުދު ގޮނޑުދޮށްތަކުގައި އުކާލާފައިވާ ހުސް ޕްލާސްޓިކް ފުޅިއާ ތަފާތު އެކި ކުނީގެ އަދަދުގިނަކަމެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ކަނޑައަޅައި، އޭނާ ނިންމީ މި ޕްލާސްޓިކް ކުނިތައް ބޭނުންކޮށްގެން، ރީތި ގަހަނާއާއި އަތްތެރި މަސައްކަތުގެ ތަކެތި އުފެއްދުމަށެވެ. އެގޮތުން، "ކްރާފްޓެޑް އިން ލާމު" އިން އުފައްދާ ތަކެތީގެ ތެރޭގައި ގޮނޑުދޮށުން ނަގާ ޕްލާސްޓިކް ފުޅިިއާ އެހެނިހެން ޕްލާސްޓިކް ކުނިން ހަދާފައިވާ ކަންފަތުގައިލާ ގަހަނާއާއި، ކީޗެއިން، ބޭގްޓެގް، ފަދަ ތަކެތި ހިމެނެއެވެ. މި ކޮންމެ އެއްޗަކީ ވެސް ދިވެހިރާއްޖޭގެ ކަނޑުގެ ނޫކުލައާއި، ކަނޑުފަޅުގެ އިޙްސާސާއި، ރާއްޗޭގެ ރީތި ފެހި މާހައުލާއި، ގޮނޑުދޮށުގެ ހުދު ވެލީގެ ރީތިކަމުން އިލްހާމް ލިބިގެން އުފައްދާފައިވާ ތަކެއްޗެވެ. ކޮންމެ އެއްޗަކުން ވެސް ދިވެހި ސަގާފަތާއި، ތިމާވެއްޓަށް އުފެއްދުންތެރި ޒުވާނާ ދޭ ލޯބި ފެނިގެންދެއެވެ. އަދި ލާމު އަތޮޅުގެ ނަލަކަން ކޮންމެ އުފެއްދުމަކުން ރަމްޒުކޮށްދެއެވެ. ފުޅީގެ އިތުރުން އުކާލާފައި ހުންނަ ސުޕާރީ ފުޅި ފަދަ ތަކެތިން އޭނާ އުއްބައްތި ނުވަތަ " ކެންޑަލް " ރިސައިކަލްކޮށް ފަތުރުވެރިންނަށް ހަދިޔާކުރެއެވެ.

އާދަމްގެ އާއިލާއާއި ރިސޯޓުގައި އެކުގައި މަސައްކަތްކުރާ މީހުން އަދި އެކުވެރިންގެ ފަރާތުން ލިބޭ ބޮޑު އެހީތެރިކަމާއެކު، މި ޒުވާނާގެ އަމާޒަކީ "ކްރާފްޓެޑް އިން ލާމު" ގެ މަސައްކަތް ލ. އަތޮޅުން ބޭރަށް ފުޅާކުރުމެވެ. އޭނާގެ އުއްމީދަކީ ދިވެހިރާއްޖޭގެ އެކި ރިސޯޓުތަކުގެ ޝޮޕްތަކުން އޭނާގެ އުފެއްދުންތައް ލިބެން ހުރުމެވެ. އެގޮތުން، ތިމާވެއްޓަށް އަހަންމިއްޔަތުކަންދޭ ކޮންމެ ފަތުރުވެރިޔަކަށް ވެސް ހަނދާނެއްގެ ގޮތުގައި ، ތިމާވެއްޓަށް ދޭ ލޯބީގެ ރަމްޒެއް ގެންދިއުމެވެ. އަދި ދިވެހީންވެސް މިއުފެއްދުންތަކުގެ އަޖުމަބަލާލާ ތިމާވެށީ ހިމާޔަތްކުރުމުގެ މި ހީވާގި މަސައްކަތަށް އެއްބާރުލުންދިނުމެވެ. އާދަމްގެ ކޮންމެ އުފެއްދުމަކީވެސް ކޮންމެ މީހަކަށްވެސް ގަނެލެވޭ އަގެއްގައި ފޯރުކޮށްދޭ ތަކެއްޗެވެ. މި ތަކެތި އޯޑަރުކުރެވޭނީ މި ބްރޭންޑްގެ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށެވެ. މާލެއާއި އެހެން ރަށްތަކަށް ވެސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ދުނިޔެ މިހާރު ކުރިމަތިލާންޖެހިފައިވާ ޕްލާސްޓިކްގެ ތަޣައްޔަރުވުމުގެ މައްސަލައަށް "ކްރާފްޓެޑް އިން ލާމު" އަކީ ހަމަ އެކަނި ކުޑަ ހިޔާލެއް ކަމުގައި ވިޔަސް، އެއިން ބޮޑު ބަދަލެއް ގެނެވޭނެކަމުގެ އަލިގަދަ މިސާލެކެވެ. ރަށުގެ ރީތިކަން ހިމާޔަތްކުރުމުގެ ކުޑަ އެދުމަކުން ފެށުނު މި މަސައްކަތުން، އެހެން މީހުންނަށް ވެސް ކުނި ތަފާތު ގޮތަކަށް ބަލާ، އޭގެން އީޖާދުކޮށް، ތިމާވެށި ރައްކާތެރިކޮށް، އަލުން ދިރުވުމުގެ ފުރުސަތުތަކަށް ނަޒަރު ހިންގަން އީލްހާމް ލިބެއެވެ. މިއީ އަޅުގަނޑުމެންގެ ތިމާވެއްޓަށް އަބަދުވެސް ލޯބިކުރާ މީހެއްގެ ޚިޔާލެވެ. ބަންދު ދުވަސްތަކުގައި ގިނަ ވަގުތު ހޭދަކުރަނީ ގޮނޑުދޮށުގައެވެ. ރަށުގެ ގޮނޑުދޮށުގައި ޕްލާސްޓިކް ފުޅި ގިނަކަމުން، މި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ފަރުދީގޮތުން ގެނެސްދެވޭނެ ހައްލެއް ހޯދިއެވެ. އެހެންކަމުން، ގޮނޑުދޮށުން ޕްލާސްޓިކް ނަގައިގެން މި މަސައްކަތް ފެށުނީއެވެ.

އަމާޒަކީ ތިމާވެއްޓަށް ލޯބިކުރާ ހުރިހާ އެންމެންނާއި ރާއްޖެއާއި، ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކާއި ގުދުރަތީ ރީތިކަމަށް ލޯބިކުރާ ހުރިހާ ފަރާތްތައް އަދި ފަތުރުވެރިންނަށް ވެސް މިއުފެއްދުންތަކުގެ މުހިންމުކަން އެންގުމެވެ. އަދި މި މަސައްކަތް އަބަދުވެސް ކުރިއަށް ގެންދިއުމުގެ ހުވަފެން އޭނާ ދެކެއެވެ. މިއީ ވަގުތު ލިބޭ ވަރަކުން ކުރާހިތުން ކުރާ މަސައްކަތެކެވެ. ރިސޯޓު މުވައްޒަފުންނާއި، އޭނާގެ ފޮލޯވަރުންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ.
https://www.instagram.com/crafted_in_laamu?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==

