ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ބޭރުގެ ކުންފުނިތަކުގެ ނުފޫޒު ނިމުމަކަށް ގެނެސް، ދިވެހި ކުންފުނިތަކަށް ބޮޑު ކުރިއެރުމެއް ހޯދައިދިނުމުގެ ގޮތުން މި ނިމުނު ހަފުތާގައި ސަރުކާރުގެ 216 މަޝްރޫޢު 153 ދިވެހި ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މިކަމަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ 5.5 އިންސައްތަ ހިއްސާކުރާ އިމާރާތްކުރުމުގެ ދާއިރާއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ބުރާސްފަތި ދުވަހު ބޭއްވުނު ޚާއްސަ ހަފުލާއެއްގައި، ތަރައްގީގެ 9 ދާއިރާއަކުން 206 މަޝްރޫޢެއް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްދެއްވިއެވެ. މި މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ. މިއީ ދިވެހި ކުންފުނިތަކުން އެދެމުން އައި ކަމަކަށް ސަރުކާރުން އިޖާބަ ދެއްވެވިކަމެކެވެ.
ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގައި ކޮންމެވެސް ގޮތަކުން ބޭރު ކުންފުނިތަކުން ޑޮމިނޭޓް ކުރާކުރުން ނިމުމަކަށް ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގަވާއިދުތަކާއި ޤާނޫނުތައް ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަން އަޅުގަނޑުމެން ގެންނާނަން. އެވޯޑު ކުރުމުގައި ޕޮއިންޓް ދިނުމުގައި ގެންނަންޖެހޭ ބަދަލެއް ވިއްޔާ އެކަންވެސް ކުރާނަން. ދިވެހި މަސައްކަތްތެރިންނަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް މިފަހިކަން އެބަޖެހޭ ދޭން، ރައީސުލްޖުމްހޫރިއްޔާ
ޑރ. މުޙައްމަދު މުޢިއްޒު
އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު މިވަނީ އެ ވިދާޅުވި ވާހަކަ ޙަޤީޤަތަކަށް ހައްދަވާފައެވެ.
މީގެ ކުރިން ސްކޫލް ކްލާސްރޫމް ހެދުމާއި ސިއްޙީ މަރުކަޒުތައް ބިނާކުރުމާއި ހައުސިންގ ޔުނިޓުތައް އެޅުންފަދަ ގިނަ ސަރުކާރު މަޝްރޫޢުތައް ކާމިޔާބުކުރަމުން އައީ ބޭރުގެ ކުންފުނިތަކުންނެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މިކަން ބަދަލުކޮށް، ދިވެހި ކުންފުނިތަކަށް ފުރުސަތުތައް އިތުރުކޮށްދިނުމަށް އިސްކަންދީފައެވެ. މިއާއެކު އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައި، ޤައުމީ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ.
އަމިއްލަ ކުންފުނިތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮންނަ، ސަރުކާރުން ދޫކުރަންޖެހޭ ފައިސާ ލިބުން ލަސްވުމުގެ މައްސަލައަށްވެސް މި ފަހަރުގެ މަޝްރޫޢުތަކުގައި ސަމާލުކަން ދީފައިވެއެވެ.
އެއްވެސް ކަހަލަ ޕޭމަންޓުގެ ފައިސާ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން މިދިޔައީ. އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި އެ ހުންނަ ދަތިތަކުގެ ތެރެއިން އެ އަންނަ ޑިލޭތައް އެއްވެސް ވަރަކަށް ނާންނާނެގޮތަކަށް މަސައްކަތްތައް އެއްބަސްވުމުގައި ވާގޮތަށް ކުންފުނިތަކުން ކުރަމުންގެންދާނެ،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މިކަމުގެ ސަބަބުން މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަންވަނީލިބިފައެވެ.
ދިވެހި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދަށް އޭގެ ފައިދާ ސީދާގޮތުން ކުރާނެ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިފަދަ ގިނަ މަޝްރޫޢުތައް އަމިއްލަ ފަރާތްތަކަށް ލިބިގެންދާނެ ކަމަށާއި، އާންމު ފަރުދުން މުއްސަނދިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ލޮޖިސްޓިކް ޗެއިންތަކާއި މެޓީރިއަލް ޗެއިންތަކުން އެތައް ބަޔަކަށް ފައިދާކުރާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުގެ ކުންފުނިތަކަށް ދޭ ފައިސާއަކީ ޤައުމުން ބޭރުވާ ފައިސާއަށްވާއިރު، ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢުތަކަށް ހޭދަވާ ފައިސާ ދައުރުވާނީ ޤައުމުގެ އިގްތިސާދުގެ ތެރޭގައެވެ. މިއީ ޤައުމީ އިގްތިސާދު ދުވަހަކަށްފަހު ދުވަހެއް ކުރިއަރަމުންދާނެ މުހިންމު ސަބަބެކެވެ. އެގޮތުން، 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތަށް، މިއަދު އިމާރާތްކުރުމުގެ ދާއިރާގައި ބޭރުގެ ކުންފުނިތަކުން 'ޑޮމިނޭޓް ކުރުން' މިވަނީ ނިމުމަކަށް އައިސްފައެވެ.
