ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ފެށިގެން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށްވުރެ ބޮޑުތަނުން އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން ފެންނަ ގޮތުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވަނީ މަތިވެފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނޮވެމްބަރ މަހުގެ ފުރަތަމަ 5 ދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ %12.3 އިތުރުވެފައެވެ. މި ހިނގާ ނޮވެމްބަރ މަހުގެ ފުރަތަމަ 5 ދުވަހު ޖުމްލަ 32,895 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މުޅި އަހަރުގެ ތެރޭގައި ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ.

ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން އަންނައިރު، ނޮވެމްބަރ މަހުގެ ފުރަތަމަ 5 ދުވަހު ދުވާލަކު އެވްރެޖްކޮށް 6,579 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ 8 މަސްދުވަހުގެ އެވްރެޖް އަދަދަށްވުރެ މަތީ އަދަދެކެވެ. ފާއިތުވި މަސްތަކުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އެވްރެޖް އަދަދުތައް ތިރީގައި މިވަނީއެވެ.

  • ޖަނަވަރީ: 6,931 ފަތުރުވެރިން
  • ފެބްރުއަރީ: 7,646 ފަތުރުވެރިން
  • މާރޗް: 6,563 ފަތުރުވެރިން
  • އޭޕްރީލް: 6,611 ފަތުރުވެރިން
  • މެއި: 4,375 ފަތުރުވެރިން
  • ޖޫން: 4,726 ފަތުރުވެރިން
  • ޖުލައި: 6,024 ފަތުރުވެރިން
  • އޮގަސްޓް: 6,195 ފަތުރުވެރިން
  • ސެޕްޓެމްބަރ: 4,985 ފަތުރުވެރިން
  • އޮކްޓޫބަރ: 6,143 ފަތުރުވެރިން
  • ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަސް: 6,579 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން މިހާތަނަށް ރާއްޖެއަށް 3 ލައްކައާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައީ ރަޝިއާއިންނެވެ. އެގައުމުން 233,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

މި އަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. ފަތުރުވެރިކަމުގެ މި ހައި ސީޒަންގައި ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ މި އަމާޒަށް ވާސިލްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވައި، މިހާރު 20 އަށްވުރެ ގިނަ އެއަރލައިންގެ އޮޕަރޭޝަންސް އައު ޓާމިނަލްއަށް ބަދަލުކޮށްފައިވުމަކީވެސް ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *