ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގު މިސްރާބު ޖަހާފައިވަނީ މުހިއްމު އަދި ރަނގަޅު ދިމާލަކަށް ކަމަށް، ދިވެހި ދައުލަތުގެ ޢިއްޒަތުގެ ޝަރަފު، ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރިތައް ކުރިއެރުވުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކުރެވޭނެ ފަހި މާޙައުލެއް މިހާރު އޮތްކަމަށެވެ.
ވިޔަފާރީގެ ދާއިރާގައި ބައި ޤަރުނަށްވުރެ ދިގު ތާރީޚެއް ގިރާކުރައްވާފައިވާ ޞާލިޙް ފާހަގަކުރެއްވީ، އެމަނިކުފާނުގެ ޚިދުމަތުގެ ތާރީޚުގައި ކުރެއްވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ވިޔަފާރީގެ ދާއިރާއިން މީހުން އަހުލުވެރިކުރުވުމަށް ކުރެވުނު މަސައްކަތްތައް ކަމުގައެވެ. އެގޮތުން، ވިޔަފާރިއަށް ޝައުޤުވެރިވާ ފަރާތްތައް އެ ދާއިރާގައި އެންގޭޖްކުރުވުމާއި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންހެނުން ވިޔަފާރީގެ ދާއިރާގައި ބައިވެރިކޮށް އެކަން ބަލައިގަތުމަކީ ހޯދުނު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާގޮތުން ޤައުމުގެ އިޤްތިޞާދު ހުރީ މުހިއްމު އަދި ރަނގަޅު މިސްރާބެއްގައި ކަމަށް ވެސް ޞާލިޙް ހާމަކުރެއްވިއެވެ.
ޞާލިޙް ވިދާޅުވި ގޮތުގައި، މީގެކުރީގައި ކަންކަން ހިންގަމުން އައިގޮތާއި ޚިލާފަށް މިހާރު، ސިޔާސަތުތައް އެކުލަވާލުމުގައާއި އެހެނިހެން ކަންކަމަށް ބަލާއިރުވެސް، ކަންކަން ބައްޓަންވަމުންދަނީ މީހުން ބިނާކުރުމުގެ ވިސްނުމުގައެވެ. ދިވެހީން ތިބި ޙާލަތުން އެހެން ޙާލަތަކަށް ގެންދިޔުމަށް ވިސްނުމަށް ގެންނަމުންދާ ބަދަލުތަކާއި މީހުންގެ ނަފްސުގެ ޤާބިލުކަމަށް ވާޞިލުވެ، އޭގެ ބޭނުންކުރަމުން ކުރިއަށްދަނީ ޤައުމު އައު މިސްރާބަކަށް ގެންދަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އާޓިފިޝަލް އިންޓަރލިޖެންސާއި އެހެނިހެން ޒަމާނީ ވަޞީލަތްތަކަށް ދިވެހީން އަހުލުވެރިވަމުންދާއިރު، އެކަމަށް ފުރުސަތު މިއަދު ފަހިވަމުންދާ ކަމުގައި ޞާލިޙް ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއަރުވާ، ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވާ އިޤްތިޞާދު ބިނާކުރެއްވުމަށް މުޙައްމަދު ޞާލިޙް ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ، ދިވެހި ދައުލަތުގެ ޢިއްޒަތް، ނިޝާން މުލީގޭ ޢިއްޒަތުގެ ޝަރަފު އަރުވާފައެވެ. ޞާލިޙު ވަނީ ވޭތުވެދިޔަ ބައި ޤަރުނުގެ ތެރޭގައި ރާއްޖެއަށް އެކި ބާވަތުގެ ވިޔަފާރިތައް ތަޢާރަފްކޮށް، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

