ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަމާޒުކޮށް، 200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) ގާއިމުކުރުމަށް، އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމްގެ ތިންވަނަ ފިޔަވަހި މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން އެޕްލިކޭޝަންތައް ބަލައިގަތުން ފަށާފައިވަނީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލް.އެލް.އެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން ތައާރަފުކޮށްފައިވާ މި ސްކީމްގެ ތިންވަނަ ފިޔަވަހީގެ ދަށުން، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުގެ އިތުރުން ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓްވެސް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށް ވަނީ ހަމަޖައްސާފައެވެ. މިއީ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ ފައިނޭންސިންގއެކެވެ.

މި ސްކީމަކީ ޕްރޮޖެކްޓް ފައިނޭންސިންގގެ ގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ދޫކުރާ އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގއާއި، ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން ފައިނޭންސިންގ ލިބި އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލްކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި، އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނިކުރެވޭނެއެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމްކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެކެވެ.

މި ފައިނޭންސިންގއާ ގުޅޭ މުހިންމު މައުލޫމާތުތަކުގެ ތެރޭގައި:

  • 2,000,000 ރުފިޔާއާއި ހަމައަށް ފައިނޭންސިންގ ލިބުން.
  • ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް.
  • ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު.
  • ފައިދާ ހިސާބުކުރާނީ އަހަރަކަށް %6 ރޭޓްގައި.
  • ރަހުނެއް ބޭނުމެއް ނުވުން.
  • އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހުން.

މި ސްކީމްގެ ތިންވަނަ ފިޔަވަހީގެ ދަށުން އެޕްލިކޭޝަން ބަލައިގަތުމަށް އެސްއެމްއީ ޑިޖިޓަލް ކުންފުނީގެ ވެބްސައިޓް www.smedigital.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށް މިހާރުވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ބޭނުން ހިފައި މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ހިތްވަރުދެއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *