ޓެކްނޮލޮޖީގެ ދުނިޔޭގައި އަބަދުވެސް އައު އީޖާދުތަކާއި ފުރިހަމަ ޑިޒައިންތަކަށް މަޝްހޫރު އެޕަލް ކުންފުނިން، މިފަހަރު ތައާރަފުކޮށްފައިވަނީ އެހާ ޓެކްނޮލޮޖީއާ ގުޅުންހުރި އުފެއްދުމެއް ނޫނެވެ. އެއީ 'އައިފޯން ޕޮކެޓް’ގެ ނަމުގައި އުފައްދާފައިވާ ވިޔެފައިހުރި ސްޓްރެޕެކެވެ.
މި އުފެއްދުން ތަރައްގީކޮށްފައިވަނީ މަޝްހޫރު ފެޝަން ޑިޒައިނަރ އިސޭ މިޔާކީއާ ގުޅިގެންނެވެ. މިއީ "އިތުރު ޕޮކެޓެއް އުފެއްދުމުގެ" ހިޔާލަށް ބިނާކޮށް އުފައްދާފައިވާ އެއްޗެއް ކަމަށް އެޕަލް އިން މި ހަފްތާގެ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ.
ބުދަ ދުވަހު ނެރުނު މި 'އައިފޯން ޕޮކެޓް' އަކީ ކޮންމެ އައިފޯނެއް ވެސް އެއަށް ފައްތައިގެން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މިއީ އެކި ކުލަތަކުން ލިބެން ހުންނާނެ އެއްޗެކެވެ. އެޕަލްގެ އިންޑަސްޓްރިއަލް ޑިޒައިންގެ ނައިބު ރައީސާ މޮލީ އެންޑަރސަން ވިދާޅުވީ، "އެޕަލް އާއި އިސޭ މިޔާކީ ގަބޫލުކުރާ ޑިޒައިންގެ އަސާސަކީ އަތްތެެރި މަސައްކަތާއި، ސާދާކަމާއި، އުފާވެރިކަމަށް އިސްކަންދިނުން" ކަމަށެވެ. އަދި "މި ހުޝިޔާރު އިތުރު ޕޮކެޓަކީ މި ހިޔާލުތަކުގެ ދިރިހުރި މިސާލެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ އައިފޯނާއި އެއާޕޮޑްސް އަދި ދިރިއުޅުމުގެ އެހެނިހެން ތަކެތި އުފުލަން ފަސޭހަ ގޮތެއް ކަމަށް ވެސް މޮލީ ވިދާޅުވިއެވެ.
ނަމަވެސް، 'ޕީސް އޮފް ކްލޯތް' ނުވަތަ 'ފޮތިކޮޅެއްގެ ކޮންސެޕްޓުން' އުފައްދާފައިވާ މި އުފެއްދުމުގެ އަގު ބޮޑުކަމުން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓި، ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ކުޑަ ޕޮކެޓެއްގެ އަގަކީ 149.95 ޑޮލަރު (ގާތްގަނޑަކަށް 2,300 ރުފިޔާ) އަދި ދިގު ޕޮކެޓެއްގެ އަގަކީ 229.95 ޑޮލަރު (ގާތްގަނޑަކަށް 3,500 ރުފިޔާ) ކަމަށް އެޕަލް އިން ހާމަކޮށްފައިވެއެވެ.
އެކްސް ބޭނުންކުރާ އެއް ފަރާތް ލިޔެފައިވަނީ، "$230 އަށް ފަޅާލާފައިވާ ސްޓާކީނެއް ވިޔަސް މީހުން އެޕަލްގެ ކޮންމެ އެއްޗަކަށް ވެސް ކޮންމެ އަގެއް ދައްކާނެ" ކަމަށެވެ.
ބައެއް ފަރާތްތަކުން މި އުފެއްދުމާމެދު ސުވާލު އުފައްދާފައިވާއިރު، އަނެއްބައި ފަރާތްތަކުން ވަނީ ތަފާތު ނަޒަރަކުން ބަލާފައެވެ. ޓެކްނޮލޮޖީ އެނަލިސްޓް އެމް.ޖީ. ސީގްލަރ، އޭނާގެ 'ސްޕައިގްލާސް' ނިއުސްލެޓާގައި މި އުފެއްދުމަށް "އަގުބޮޑު ސޮކެއް" ކަމަށް ސިފަކޮށްފައި ވިޔަސް، މި އުފެއްދުމުގެ އަސްލު ބޭނުންތަކާއި ސަބަބުތައް އޭނާ ހޯދާލިއެވެ.
ސީގްލަރ ވިދާޅުވީ، ސްޓީވް ޖޮބްސްގެ އެންމެ ގަޔާވާ ފެޝަން ޑިޒައިނަރުންގެ ތެރޭގައި މިޔާކީ ހިމެނޭ ކަމަށެވެ. "މި އުފެއްދުމުގެ އެންމެ މުހިންމު/ޝައުގުވެރި ކަމަކީ ހަގީގަތުގައި އައިފޯން ވެއަރަބަލް އެއްގެ ގޮތުގައި ބަދަލުވަމުންދާ ޓްރެންޑް" ކަމަށް އޭނާ ލިޔުނެވެ. އަދި މި އަހަރުގެ ކުރީކޮޅު ނެރުނު 59 ޑޮލަރުގެ 'އައިފޯން ކްރޮސްބޮޑީ ސްޓްރެޕް' އަށް އިޝާރާތް ކުރައްވައި ސީގްލަރ ވިދާޅުވީ، "ކުރިން ދުވާ މީހުން އަތުގައި ބަންނަ ސްޓްރެޕްތަކުން ފެށިގެން، މިހާރު ގިނަ ބަޔަކަށް މިއީ ދިރިއުޅުމުގެ އެއް ބަޔަށް ވެފައިވާ ވެއަރަބަލް ސްޓްރެޕެއް ކަމަށް" އެނގޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ އެޕަލްގެ އެހެން އެކްސެސަރީއެއް ކަމަށާއި، ހެދުމަށް ކުލައެއް ގެނައުމުގެ ގޮތެއް ކަމަށެވެ.

