ދުނިޔޭގެ އެންމެ ބޮޑެތި ރީޓެއިލް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވޯލްމާޓްގެ ސީއީއޯ ޑަގް މެކްމިލަން، އެ ކުންފުނީގެ ހިންގުމުގެ އެންމެ މަތީ މަގާމުގައި ދިހަވަރަކަށް އަހަރު ހިދުމަތް ކުރެއްވުމަށްފަހު އަންނަ އަހަރު ރިޓަޔަރ ކުރައްވާނެ ކަމަށް ވޯލްމާޓުން ބުނެފިއެވެ. މެކްމިލަންގެ ދިގު ހިދުމަތުގެ ދަށުން ވޯލްމާޓަކީ ޓެކްނޮލޮޖީއަށް ބުރަވެފައިވާ ބާރުގަދަ ކުންފުންޏަކަށް ބަދަލުވެ، އެ ކުންފުނީގެ ޝެއަރތައް މާކެޓުގައި އަބަދުވެސް ކުރިއަރާފައިވާ ކަމަށް ފާހަގަކުރެވެއެވެ.
އުމުރުން 59 އަހަރުގެ މެކްމިލަންގެ ބަދަލުގައި، އެ ކުންފުނީގައި ތިރީސް އަހަރުގެ ތަޖުރިބާ ހުރި، އަދި މިހާރު ޔޫ.އެސް ޑިވިޝަންގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާ ޖޯން ފާނަރ (51 އަހަރު) ހުންނަވާނެ ކަމަށް ވޯލްމާޓުން ވަނީ ހާމަކޮށްފައެވެ. މި ބަދަލާއެކު މިއަދު ހެނދުނު ވޯލްމާޓްގެ ޝެއަރތަކުގެ އަގު 1.7% ދަށްވެފައިވެއެވެ. މިކަމުގެ އެއް ސަބަބަކީ މެކްމިލަން މަގާމުން ވަކިވެވަޑައިގަތީ އުއްމީދު ކުރެވުނު ވަރަށްވުރެ އަވަހަށް ކަމަށް ހީވާތީ އިންވެސްޓަރުން ކަންބޮޑުވުމެވެ. ނަމަވެސް އަންނަ ޖެނުއަރީ 31 ގައި އެމަނިކުފާނު ރިޓަޔަރ ކުރައްވާއިރު، އެއީ ކުންފުނީގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ސީއީއޯއިންގެ ތެރޭގައި ހިމެނޭނެއެވެ.
ގޯޑަން ހެސްކެޓްގެ އެނަލިސްޓެއް ކަމަށްވާ ޗަކް ގްރޮމް ވިދާޅުވީ، "މެކްމިލަން އަކީ ކުންފުނި ބިނާކުރެއްވި ސޭމް ވޯލްޓަންގެ ފަހުން ވޯލްމާޓްގެ އެންމެ މޮޅު ސީއީއޯ ކަމަށް އެއްވެސް ޝައްކެއް ނެތް ގޮތުގައި ފާހަގަކުރެވޭތީ، މިކަން އިއުލާން ކުރުމަކީ ޝެއަރހޯލްޑަރުންގެ މެދުގައި ކަންބޮޑުވުން އުފައްދާނެ ކަމެއް، ހާއްސަކޮށް މި ބަދަލު އައީ އުއްމީދު ކުރެވުނު ވަރަށްވުރެ އަވަހަށް ކަމަށް ވާތީ."އެވެ.
ވޯލްމާޓްގެ ވެބްސައިޓުގައިވާ ވީޑިއޯއެއްގައި މެކްމިލަން ވިދާޅުވީ، "ކުންފުނި މިހާ ރަނގަޅު ހާލަތެއްގައި އޮތުމާއި، އަދި ޖޯން (ފާނަރ) އަކީ މި ކުންފުނި އިތުރު ބަދަލުތަކަކަށް ގެންގޮސް ހިންގުމަށް އެއްކޮށް ތައްޔާރުވެފައިވާ ބޭފުޅެއް ކަމަށްވުމުން، ރިޓަޔަރ ކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު" ކަމަށެވެ. ވޯލްމާޓުން ބުނި ގޮތުގައި މެކްމިލަން ރިޓަޔަރ ކުރެއްވުމަކީ ރާވައިގެން ކުރިއަށް ގެންދިޔަ ބަދަލެކެވެ.
މެކްމިލަން ވޯލްމާޓްގެ ސީއީއޯގެ މަގާމާއި ހަވާލުވެވަޑައިގަތީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު، މައިކް ޑޫކްގެ ބަދަލުގައެވެ. އޭރު ކުންފުންޏަށް އޮންލައިން ވިޔަފާރީގެ ބޮޑު ކުންފުނި އެމަޒޯން.ކޮމް އިން ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އީ-ކޮމާސްގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމުގެ ސަބަބުން، ވޯލްމާޓްގެ އަގު ތިން ގުނައަށްވުރެ ގިނައިން އިތުރުވެ، މިހާރު 817 ބިލިއަން ޑޮލަރަށް އަރައެވެ. އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގަތް އިރު، ކުންފުނީގެ ގްލޯބަލް އީ-ކޮމާސް ވިޔަފާރި 10 ބިލިއަން ޑޮލަރު ފަހަނައަޅާފައިވާއިރު، މިދިޔަ ޖެނުއަރީ މަހުން ނިމުނު މާލީ އަހަރުގައި އެ އަދަދު ވަނީ 120 ބިލިއަން ޑޮލަރު ފަހަނައަޅާފައެވެ.
މެކްމިލަން ވަލްމާޓްގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1984 ވަނަ އަހަރު، ގަޑިއިރުގެ މުސާރައަށް މަސައްކަތް ކުރާ އެސޯސިއޭޓެއްގެ ގޮތުގައެވެ. އެމަނިކުފާނު ވޯލްމާޓްގެ ހުރިހާ ޑިވިޝަންތަކެއް ކަމަށްވާ ޔޫ.އެސް، އިންޓަރނޭޝަނަލް އަދި ސޭމްސް ކްލަބްގެ އިސް މަގާމުތަކުގައި ހިދުމަތް ކުރައްވާފައިވެއެވެ. އަދި 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސީއީއޯގެ މަގާމަށް ކުރިއަރާވަޑައިގަތީއެވެ.

