ސްޕެއިންގެ އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑް، ކުލަބުގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. މި ބަދަލުގެ ދަށުން ކުލަބުގެ ބައެއް ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ކުލަބުގެ ސްޓޭޑިއަމް އަލުން ބިނާ ކުރުމަށް ކުރި ހޭދައިގެ ސަބަބުން އިތުރުވެފައިވާ ބޮޑު ދަރަނިން ސަލާމަތްވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގިނަ މީޑިއާތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރެއާލް މެޑްރިޑްގެ މަޝްހޫރު ސްޓޭޑިއަމް، ސަންޓިއާގޯ ބަރނަބޭއު، އަލުން ބިނާ ކުރުމަށް ނެގި ދަރަނި އެއް ބިލިއަން ޔޫރޯއަށް އަރައެވެ. ނަމަވެސް، މި ދަރަނި އަދި ކުލަބުގެ ރަސްމީ ހިސާބުތަކުން ފެންނާކަށް ނެތެވެ. މި ބޮޑު ދަރަނި ހައްލުކުރުމަށް، ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކުއްލި ކޮންގްރެސްއަކަށް ގޮވާލަން ތައްޔާރުވެފައެވެ.

މި ކުއްލި ކޮންގްރެސްގައި ކުލަބުގެ ހިންގުމަށް ގެންނާނެ ބަދަލުތަކަށް ފާސްކުރާނެއެވެ. ކޮންގްރެސްއިން ފާސްވުމަށްފަހު، ކުލަބުގެ މެމްބަރުންގެ މެދުގައި މިކަމާ ގުޅޭގޮތުން ވޯޓު ނެގުމަށް ވަނީ ހަމަޖައްސާފައެވެ. ޕެރޭޒްގެ ވިސްނުމަކީ ކުލަބުގެ ހިއްސާ މެމްބަރުންނަށް ވިއްކާލުމެވެ. އެގޮތުން ކޮންމެ މެމްބަރަކަށް އެއް ހިއްސާ ވިއްކާލުމަށް ހުށަހަޅާފައިވެއެވެ.

ރެއާލް މެޑްރިޑްގެ ރަޖިސްޓަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 96,000 މެމްބަރުން އެބަތިއްބެވެ. ކުލަބުގެ ހިންގުމަށް ގެންނަ ކޮންމެ ބަދަލެއް ފައިނަލް ވާނީ، މީގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުންގެ ވޯޓާއެކުއެވެ.

ކުލަބުގެ ޖުމުލަ އަގު 10 ބިލިއަން ޔޫރޯއަށް އަރާއިރު، ޕެރޭޒްގެ ވިސްނުމަކީ މެމްބަރުންނަށް ހިއްސާ ވިއްކުމުގެ އިތުރުން، ކުލަބުގެ 10 އިންސައްތަ ހިއްސާ ކޮންމެވެސް ބަޔަކަށް ވިއްކާލުމެވެ. މިގޮތަށް ހިއްސާ ވިއްކާލުމުން، އެއް ބިލިއަން ޔޫރޯގެ ދަރަނިން ވަގުތުން ސަލާމަތް ކުރެވިދާނެ ކަމަށް ޕެރޭޒް ދެކެވަޑައިގަންނަވައެވެ. މިއީ ރެއާލް މެޑްރިޑްގެ ތާރީޚުގައި ފެންނާނެ އެންމެ ބޮޑު އެއް ބަދަލަށް ވެގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *