ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ޑާކް ރެއިން އެންޓަޓެއިންމަންޓުން އެ ކުންފުނީގެ މިއަހަރު ރިލީޒްކުރާ ފަހު ފިލްމު "އަލްވަދާއު" ގެ ރަސްމީ ލަވަ އާންމުކޮށްފިއެވެ. މި ލަވަ އާއްމުކުރިތާ މާގިނައިރުތަކެއް ނުވެ ވަނީ 2025 ވަނަ އަހަރުގެ "ހާޓްބްރޭކް އެންތަމް" ގެ ގޮތުގައި ފާހަގަކުރެވިފައެވެ. ވަރަށް ގަދަފަދަ ޖަޒުބާތުތަކަކާއި ރީތި ރާގަކާއެކު ދޫކޮށްލި މި ލަވައަށް ސޯޝަލް މީޑިއާގައި ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ބައެއް ފަރާތްތަކުން މި ލަވައަށް ސިފަކޮށްފައިވަނީ "ހިތްދަތިކަމުގެ ހަގީގަތް ސީދާ ހިތާ ރޫހަށް ފޯރުކޮށްދޭ ލޯބީގެ ލަވައެއް" ގެ ގޮތުގައެވެ.
މި ލަވައިގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިވެހި ފިލްމީ ދާއިރާގެ ގިނަ ތަރިންނާއި ފަންނާނުންގެ ހުނަރެވެ.
މިއުޒިކް: ޑާކް ރެއިން ޕްރޮޑަކްޝަން
ޅެން: އީސާ ޝަރީފް
އަޑު: އަޙްމަދު އިޝާމް
މިކްސިންގް އެންޑް މާސްޓަރިންގ: ޙުސައިން ތައުފީޤް
ޕްރޮޑިއުސް ކޮށްފައިވަނީ: އައިޝަތު ފުވާދު އަދި މުޙައްމަދު ޢަލީ މޮގަރ
ޑައިރެކްޓް ކޮށްފައިވަނީ: ޢަލީ ޝިފާޢު (ލަވައިގެ މިއުޒިކް ވީޑިއޯ)
"އަލްވަދާއު" ގެ ލަވައިގެ ފުރަތަމަ ސިކުންތުކޮޅުން ފެށިގެންވެސް މި ލަވައިގެ ދުނިޔެއަށް ގެނެސްދެއެވެ. އެއީ ލޯތްބާއި، ދިގު އިންތިޒާރާއި، ހަނދާންތަކާއި، ހިތްދަތިކަން އެކުލެވޭ ލޯބީގެ ލަވައެކެވެ. މި ލަވައާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފޭނުން ކޮށްފައިވާ ތައުރީފުތަކުގެ ތެރޭގައި "ގައިން ހީބިހި ނަގާހާ ރީތި"، "ސިނަމެޓިކް ޖަޒުބާތީ ފްލޯ އެއް ގެނެސްދިން"، އަދި "އިތުރަށް އަޑުއަހާވަރަކަށް ލަވަ ރީތިވަނީ" މިފަދަ ކޮމެންޓްތައް ހިމެނެއެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓުން ވެސް މި ލަވަ ސިފަކޮށްފައިވަނީ އަހަރުގެ "ހާޓްބްރޭކް އެންތަމް" ގެ ގޮތުގައެވެ. އަހުމަދު އިޝާމްގެ ހިތްގައިމު އަޑާއި، އީސާ ޝަރީފްގެ ތެދުވެރިކަމާއި ފުން މާނަތަކެއް އެކުލެވޭ ޅެންތަކުން މި ލަވަ ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ. ޑާކް ރެއިންގެ ފަންނުވެރި މިއުޒިކް ޕްރޮޑަކްޝަނާއެކު، މި ލަވައަކީ ޕްލޭލިސްޓްތައް ވެރިކޮށް، ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެގެންދާނެ ލަވައެއްކަން ޔަގީނެވެ.
"އަލްވަދާއު" ގެ ލަވަ ރިލީޒްއާއެކު ފިލްމުގެ މުޅި ވާހަކަ ކިޔައިދޭނެ ގޮތުގެ ވަރަށް ވަރުގަދަ އިޝާރާތެއް ލިބިފައިވެއެވެ. އެއީ ހިތްގައިމު، ޖަޒުބާތީ އަދި ފެންނަފެނުމަށްވެސް ވަރަށް ފުރިހަމަ ފިލްމެއްކަމުގެ ޔަގީންކަމެވެ. މި ލަވައިގައި ހިމެނޭ ފަދަ ޖަޒުބާތީ ބަރުދަނެއް ފިލްމުގައި ވެސް ހިމެނިގެންދާކަމީ ޑާކް ރެއިން އެންޓަޓެއިންމަންޓުން 2025 ވަނަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އަލްވަދާއު" ހިމެނޭނެކަމާ މެދު ޝައްކެއްނެތް ކަމެކެވެ.
ޑިސެމްބަރު 1 ވަނަ ދުވަހު އޮލިމްޕަހުގެ ސްކްރީނަށް އަންނަ މި ފިލްމަކީ ޝަހުދާ މުޙައްމަދު (ޝާހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕޭ) ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ފިލްމުގެ ސިނަމެޓޯގްރާފަރަކީ ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައިވާ މުޙައްމަދު ފައިސަލެވެ. އަދި ޓެކްނިކަލް މެނޭޖަރަކީ ޒިފާފެވެ.
"އަލްވަދާއު" ގެ މައިގަނޑު ދެ ތަރިންނަކީ މަރިޔަމް މަޖުދާ އާއި ޝަރަފް ޢަބްދުﷲއެވެ. މީގެ އިތުރުން މުޙައްމަދު ރަޝީދު، ޝީލާ ނަޖީބް، އަރަމުން އަންނަ ތަރި އައިޝަތު ލައިޝާ ލަތީފް އަދި މަޒީން ހާޒިފް ފަދަ ތަރިން ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ. ލޯބީގެ މި ހިތްދަތި ފިލްމުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު، 9911229 އަށް ގުޅުމުން ޓިކެޓް ގަނެވޭނެއެވެ.

