ޢާންމު ދަތުރުފަތުރުގައި ކުރިމަތިވަމުންދާ ދަތިތައް ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތް ފެށުމަށް ޑްރައިވަރުން ހޯދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން އިޢުލާންކޮށްފިއެވެ. މި ޚިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެންނެވެ. ފޯރުކޮށްދެވޭނީ ޚާއްސަ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށާއި، މި ޚިދުމަތް 24 ގަޑި އިރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން މި ޚިދުމަތް ތަޢާރަފުކުރަން ނިންމީ މިހާރު ޓެކްސީގެ 1،500 އެއްހައި ކާރު ރަޖިސްޓްރީކޮށްފައި އޮންނައިރުވެސް، ޢާންމުންގެ ބޭނުންތަކާ ނުބައްދަލު ކަމަށް ބުނެ ޝަކުވާ އަންނަމުންދާތީއެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކުރީން ވިދާޅުވެފައިވަނީ ސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތް މި އަހަރުގެ ޖުލައި މަހުތެރޭ ފެށޭނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ޚިދުމަތް ފެށުން ވަނީ ލަސްވެފައެވެ. މިހާރު ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، އެމް.ޓީ.ސީ.ސީ.އިން ހޯދާ 407 ޑްރައިވަރުންގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ ޑިސެންބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޑްރައިވަރުން ހޮވުމުގައި، މި ވަޤުތު ދަތުރުފަތުރާ ބެހޭ ވުޒާރާގައި އެކުލަވާލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ނަން ޖައްސާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެމް.ޓީ.ސީ.ސީ.އިން ބުނެއެވެ.

ވަޒީރު އަމީން ކުރީން ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ ޚިދުމަތަށް ނެރޭނީ 100 އުޅަނދެވެ. މި އުޅަނދުތަކުގެ ތެރޭގައި ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީތައް ހިމެނޭނެއެވެ. ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ އިލެކްޓްރިކް ވެހިކަލް (އީ.ވީ.)އެވެ. އަދި މި އުޅަނދުތައް ޕާކުކުރުމަށް ހުޅުމާލެއިން ތިން ބިމެއް ވެސް ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގައި ދޭ އޫބަރ އާއި ގްރޭބް ފަދަ އެޕްތަކާ އެއްގޮތަށެވެ.

ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޚިދުމަތް ދޭން ފަށާނެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން 2026ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެއާއި ތިލަފުއްޓަށް ޚިދުމަތް ފުޅާކުރާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި އެ ޚިދުމަތް ރަސްމާލެއާއި ގިރާވަރާއި އައްޑޫ އަދި ފުވައްމުލަކުގައި ވެސް ފަށާނެއެވެ. ހދ. ކުޅުދުއްފުއްޓަށް ވެސް، 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު މި ޚިދުމަތް ތަޢާރަފްކުރަން ވަނީ ރާވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *