ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ޚާއްސަ ދަތުރުތަކެއް ފެށުމަށް ނިންމައި، އަގުހެޔޮ ފެއަރއެއް ތަޢާރަފުކޮށްފިއެވެ. މި ދަތުރުތައް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއާއި 9 ވަނަ ދުވަހުއެވެ.
މި ޚާއްސަ ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ އެއަރބަސް އޭ320 މަރުކާގެ ބޯޓުކަމަށް އެ ކުންފުނިން ހާމަކުރެއެވެ. ކޮލޮމްބޯއަށް ކުރާ މި ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 99 އެމެރިކާ ޑޮލަރުންނެވެ. މީގެ އިތުރުން، ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް 35 ކިލޯގެ ހިލޭ ބެގޭޖް އެލަވަންސެއް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ވިދާޅުވިއެވެ.
ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވިއަނުން ފާހަގަކުރެއެވެ. ރާއްޖެއާއި ލަންކާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއާލައިނެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާއިރު، މި ދަތުރުތަކާއެކު އެޤައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ. އަދި ފަތުރުވެރިކަމަށްވެސް މީގެ ފައިދާކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ކޮލޮމްބޯއަށް ކުރާ ދަތުރުތަކުގެ އިތުރުން، މޯލްޑިވިއަނުން ޑިސެމްބަރު މަހުގެ ބަންދާއި ދިމާކޮށް ތައިލޭންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

