ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ހުށަހެޅުއްވި 64.2 ބިލިޔަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، މުޅި ޖުމްލައަށް ބަދަލެއް ނުގެނެސް، ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި އިސްލާހުތަކަކާ އެކު، މެންބަރުންގެ ބޮޑު އަޣުލަބިއްޔަތުންނެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅުއްވި 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާގެ ބަޖެޓު ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އަންނަ އަހަރަށް ލަފާކުރާ މި ބަޖެޓުން 40.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓު 9 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށްވެސް ވަނީ ލަފާކޮފައެވެ. ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެ ކަމަށް ބަޖެޓުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ނިސްބަތެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ޚާއްސަކޮށްފައިވެއެވެ. މިކަމަށް އެކަނި 9.3 ބިލިޔަން ރުފިޔާ ހިމެނިފައިވާއިރު، މި ޚަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ބަޖެޓު ދިރާސާކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އެކި އިދާރާތަކާއި މާލީ ވުޒާރާއާ މަޝްވަރާތައް ކޮށްފައެވެ. މި މަޝްވަރާތަކަށްފަހު، މުޅި ޖުމްލަ ބަޖެޓަށް އުނިއިތުރުވުމެއް ނާންނަ ގޮތަށް އިސްލާހުތައް ގެނެސް ކޮމިޓީން ވަނީ ބަޖެޓު ފާސްކޮށްފައެވެ.
ކޮމިޓީން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓަށް 3.5 މިލިޔަން ރުފިޔާ އިތުރުކުރުމާއި، ދައުލަތުގެ އޮފީސްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ކުއްޔަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިތުރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް އަވަސްކުރުމަށް އެންގުން ހިމެނެއެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ވަނީ މަޖިލީހަށް ދެއްވާފައެވެ.

