އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ މަގުބޫލު އެއް ހަރަކާތް ކަމަށްވާ، އަންނަ ޑިސެމްބަރު މަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގެ ކިޓު ގަތުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. މި ދުވުމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާތީ، އުރީދޫން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން އޮންލައިންކޮށެވެ.
އުރީދޫން މިއަދު ބުނި ގޮތުގައި، ކިޓުތައް ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިއަދު މެންދުރު 14:00 އިން ފެށިގެން އޮންލައިންކޮށް ކިޓު ގަތުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ނަމަވެސް، ބާކީ ހުރީ މަދު ކިޓުތަކެއް ކަމަށާއި، ވީހާވެސް އަވަހަށް ކިޓުތައް ގަތުމަށް އޯޑަރު ދިނުމަށް އުރީދޫން ވަނީ އިލްތިމާސްކޮށްފައެވެ.
ފަން ރަންގައި ބައިވެރިވާ ފަރާތްތަކަށް ދެ ވައްތަރެއްގެ ކިޓު ގަނެވޭނެއެވެ. އެއީ 110 ރުފިޔާގެ "ސްޓެންޑާޑް ކިޓް" އާއި 210 ރުފިޔާގެ "ފަން ކިޓް" އެވެ. ސްޓެންޑާޑް ކިޓުގައި ފަން ރަން ޓީޝާޓަކާއި، އަތުގައި އަޅާ ބޭންޑަކާއި، ފޮތި ކޮތަޅަކާއި، އައިނަކާއި، ބަންޑާނާއެއް ހިމެނެއެވެ. ފަން ކިޓުގައި މިއާދައިގެ ކިޓުގައި ހިމެނޭ ތަކެތީގެ އިތުރުން ބޭނުން ގޮތަކަށް ކަސްޓަމައިޒްކުރެވޭ ބިބެއް ހިމެނެއެވެ. ނަމަވެސް، ބިބް ކަސްޓަމައިޒްކުރެވޭނެ ފުރުސަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ބަންދުކުރެވިފައެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި ސިފަކޮށްފައިވާ، އުރީދޫ ފަން ރަން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. މި ހަރަކާތަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރުގެ ފަން ރަންގައި އެކި އުމުރުފުރައިގެ 6,500 އަށްވުރެ ގިނަ މީހުން ބައިވެރިވިކަން އުރީދޫން ފާހަގަކުރެއެވެ.
ހަ އަހަރުން މަތީގެ ކުޑަކުދިންނާއި، ހުރިހާ އުމުރެއްގެ މީހުންނަށް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަން އުރީދޫން ފާހަގަކުރެއެވެ.
އުރީދޫ ފަން ރަންގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

