ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިއެކި އެއާލައިންތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތް ފުޅާދާއިރާގައި ދޭ ހާން އެއާ މެދުވެރިކޮށް، ޓިކެޓް ވިއްކަން ޕާޓްނަޝިޕެއް ހަދައިފި އެވެ. މި އެއްބަސްވުމުގެ ސަބަބުން މޯލްޑިވިއަންގެ ޓިކެޓް ދުނިޔޭގެ 190 މާކެޓުގައި ހަރަކާތްތެރިވާ ޓްރެވެލް އެޖެންޓުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މައިގަނޑު ހުރިހާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ތަކެއްގައި ހާން އެއާގެ އެކްސް 1 ގައި މޯލްޑިވިއަންގެ ޓިކެޓް ލިބެން ހުންނާނެ އެވެ. ހާން އެއާ އަކީ 350 އަށް ވުރެ ގިނަ އެއާލައިނާ އެކު ޕާޓްނަޝިޕް ހަދައިގެން މަސައްކަތްކުރާ ކުންފުންޏެކެވެ.
މި ގުޅުމުގެ ސަބަބުން މޯލްޑިވިއަންގެ ޓިކެޓް ވިއްކުމުގެ ގާބިލުކަން އިތުރުވެ، އެއާލައިންގެ ހިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފުޅާވެގެންދާނެ ކަމަށް ވެސް މޯލްޑިވިއަން އިން ފާހަގަކުރި އެވެ.
މޯލްޑިވިއަން އަކީ ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ މަންޒިލްތައް ހިމެނޭ ގޮތުން 17 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ. އެއާލައިން ދަތުރުކުރާ ބައިނަލްއަގުވާމީ މަންޒިލުތަކުގެ ތެރޭގައި އިންޑިއާ އާއި ޗައިނާގެ މަންޒިލްތައް ހިމެނެ އެވެ.

