ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ރާއްޖޭގެ މަޝްހޫރު އިލެކްޓްރޯނިކްސް ވެންޑަރެއް ކަމަށްވާ މެގަޗިޕް ގުޅިގެން، ރާއްޖޭގެ ގޭމަރުންނަށް ހާއްސަ އަގުހުރި އޭލިއަންވެއާ ގޭމިން ބަންޑްލްއެއް ހަދިޔާކުރަން އިއުލާންކޮށްފިއެވެ. މިއީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ޑީޖީޖީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގޭމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ގޭމިން ބަންޑްލްގެ ތެރޭގައި ގޭމަރުންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް ބޭނުންވާ މުހިންމު ސާމާނުތަކެއް ހިމެނެއެވެ. އެގޮތުން، އޭލިއަންވެއާގެ 34 އިންޗީގެ ގޭމިން މޮނީޓަރަކާއި، އޭޑަބްލިއު ވައިއާޑް ގޭމިން ހެޑްސެޓަކާއި، އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިން ކީބޯޑެއްގެ އިތުރުން، އޭޑަބްލިއު ވައިއާލެސް ގޭމިން މައުސްއެއް ވެސް މި ބަންޑްލްގައި ހިމެނެއެވެ. މި ސާމާނުތަކަކީ ގޭމަރުންގެ މެދުގައި މަގުބޫލު އަދި އަގުހުރި ތަކެއްޗެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް ޑީޖީޖީގެ ވެބްސައިޓް މެދުވެރިކޮށް އެ ފްލެޓްފޯމަށް ސައިންއަޕް ކުރަންޖެހެއެވެ. އަދި އެއަށްފަހު، ޑީޖީޖީގެ އިންސްޓަގްރާމް ޕޭޖާއި، މެގަޗިޕްގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރުމަށްފަހު، ގިވްއަވޭއާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓް ޝެއާ ކުރަންޖެހޭނެއެވެ. މި ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަ ކުރުމުން ގިވްއަވޭގައި ބައިވެރިވެވޭނެއެވެ.
މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާނެއެވެ. ޑީޖީޖީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެކި މަސައްކަތްތައް ކުރަމުންދާ ޕްލެޓްފޯމެކެވެ. އެގޮތުން، މި ގިވްއަވޭއަކީ ވެސް ގޭމަރުން ކުރިއަރުވައި، ރާއްޖޭގައި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގުން ތައާރަފްކުރި ޕްލެޓްފޯމެއްގެ ގޮތުގައި ޑީޖީޖީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ގޭމަރުންނަށް ހާސިލުކުރެވޭނެ އަގުހުރި ފުރުސަތެކެވެ.

