ދުނިޔޭގެ އެންމެ ފުރަތަމަ ލަގްޒަރީ އެއާލައިން ކަމުގައިވާ ބިއޯންޑް އެއާލައިންސްއިން ދަތުރުވެރިންނަށް ދަތުރުފަތުރުގެ ތެރޭގައި ކުރިމަތިވެދާނެ އެކި ހާލަތްތަކަށް އިންޝުއަރެންސް ފޯރުކޮށްދިނުމަށްޓަކައި، ސޭލިންކޯ އިންޝުއަރެންސްއާއެކު ޕާޓްނާޝިޕެެއް ހަދައިފިއެވެ. މި ޕާޓްނާޝިޕާއެކު،
ބިއޯންޑް އެއާލައިންސްއިން ހާމަކުރެއްވި ގޮތުގައި، 'ބިއޯންޑް އެޝުއަރެންސް’އަކީ އެ އެއާލައިނުން ގަންނަ ކޮންމެ ޓިކެޓަކާއެކު ފޯރުކޮށްދޭ ޕްރިމިއަމް އަދި ފުރިހަމަ ޓްރެވަލް ޕްރޮޓެކްޝަން ޕްރޮގްރާމެކެވެ. މި ޚިދުމަތް ދަތުރުވެރިންނަށް ލިބިގެންދާނީ ޓިކެޓް ބުކްކުރާ ހިސާބުން ފެށިގެންނެވެ.
މި ޕްރޮގްރާމްގެ މަޤްސަދު ހާމަކުރައްވަމުން ބިއޯންޑްގެ ސީއީއޯ އަދި ޗެއާމަން، ޓެރޯ ޓަސްކީލާ ވިދާޅުވީ، އައު މާކެޓްތަކަށާއި މަންޒިލްތަކަށް ބިއޯންޑްގެ ޚިދުމަތް ފުޅާވަމުންދާއިރު، ދަތުރުވެރިންނަށް އަރާމު އަދި އިތުބާރާއެކު އެހީތެރިކަން ލިބޭ ދަތުރެއް ދިނުމަކީ މި ޕްރޮގްރާމްގެ މައިގަނޑު އެއް މަގްސަދު ކަމަށެވެ. ބިއޯންޑް އެޝުއަރެންސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 24 ގަޑިއިރުގެ ކަވަރޭޖް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އިންޝުއަރެންސް ކަވަރޭޖްގެ ތެރޭގައި ތަފާތު ގިނަ ޚިދުމަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކުއްލި ސިއްހީ ހާލަތްތަކަށް ދާނެ ޚަރަދުތަކާއި، ދަތުރުފަތުރާއި، ދަތުގެ ފަރުވާ ހިމެނޭ ސިއްހީ އެހީތެރިކަން ހިމެނެއެވެ. މީގެ އިތުރުން ފްލައިޓް ކެންސަލްވުމާއި، ލަސްވުމާއި، ކަނެކްޝަން ގެއްލިގެން ދިއުން ފަދަ ޓްރިޕް ޕްރޮޓެކްޝަންގެ ޚިދުމަތްތައް ވެސް ދެއެވެ. ގެއްލިފައިވާ، ހަލާކުވެފައިވާ، ނުވަތަ ލިބުން ލަސްވެފައިވާ ދާގީނާތަކަށް ލަގެޖް ޕްރޮޓެކްޝަން ވެސް މި ޕްރޮގްރާމްގެ ދަށުން ލިބޭނެއެވެ. އަދި ޕާސަނަލް އެކްސިޑެންޓް ޕްރޮޓެކްޝަންއާއި ސިވިލް ލަޔަބިލިޓީ ބެނެފިޓްސް ވެސް ކަވަރޭޖްގެ ތެރޭގައި ހިމެނެއެވެ.
ސޭލިންކޯ ހޯލްޑިންގްސް ޕީއެލްސީގެ އެގްޒެކެޓިވް ޑިރެކްޓަރު ޕެޓްރިކް އަލްވިސް ވިދާޅުވީ، ބިއޯންޑާ އެކު ޕާޓްނަޝިޕް ހެދުމަށް އެ ކުންފުނިން ނިންމީ ޕްރިމިއަމް ދަތުރުތަކުގެ ތަޖުރިބާ ފުރިހަމަ ކުރުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ކަވަރޭޖް ސޫޓެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ސޭލިންކޯ ހޯލްޑިންގްސް ޕީއެލްސީއަކީ 1939ގައި ވުޖޫދަށް އައި، މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ސްރީ ލަންކާގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ސަބްސިޑިއަރީއެއް ކަމުގައިވާ ސޭލިންކޯ އިންޝުއަރެންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ރާއްޖޭގައި މިހާރުވެސް އޮޕަރޭޝަންތައް ހިންގައެވެ.
ރާއްޖޭގެ ސިމްޑީ ގުރޫޕާއި ޔޫއޭއީގެ އެރަބިސްކް ކުންފުނިން އުފެއްދި "ބިއޯންޑް" އެއާލައިނަކީ ރާއްޖޭގެ ފުރަތަމަ މަތީ ފަންތީގެ ލެއިޝާ އެއާލައިނެވެ. މި އެއާލައިންގެ ފްލައިޓްތަކުގެ އިންޓީރިއާ ޑިޒައިން ކޮށްފައިވަނީ އިޓަލީގެ ކުންފުންޏަކުން ކަމަށްވާއިރު، އެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލަގްޒަރީ ތަޖުރިބާއެއް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުމަށެވެ.

