ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ (އެމް.އެސް.އެމް.އީ) މަސައްކަތްތަކަށް އަގުވަޒަންކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025″ 21 ފަރާތަކުން ހޯދައިފިއެވެ. މި އެވޯޑުތައް ހަވާލުކުރުމުގެ ޚާއްސަ ހަފްލާ ބާއްވާފައިވަނީ މާލޭގެ ސޯޝަލް ސެންޓަރުގައެވެ.
މި އެވޯޑުތައް ދީފައިވަނީ ދެ ގިންތިއަކުންނެވެ. އެއީ އާންމުންގެ ވޯޓުން ހޮވާ ގިންތިއަކާއި، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއެކެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެ ފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި އެވޯޑު ދިނުމަށް ވަނީ އިންތިޒާމްކޮށްފައެވެ.
މި އެވޯޑަށް ކުރިމަތިލުމަށް މައިގަނޑު 22 ދައިރާއެއް ދެ ގިންތިއަށް ބަހާލައިގެން ކުރިމަތިލުމަށް ހުޅުވާލާފައިވެއެވެ. މިއަހަރުގެ އެވޯޑަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ބީސީސީން ވިދާޅުވެފައިވެއެވެ.
އެވޯޑު ހަވާލުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޝަރަފުވެރި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރެވެ. އެ މަނިކުފާނުގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އަދި ބީސީސީގެ މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ސަރުކާރުގެ އެކިއެކި އިސް ބޭފުޅުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގެ އެންމެ ޝަރަފުވެރި ތިން އެވޯޑު ކަމަށްވާ "އަހަރުގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް" ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.
އެންމެ ޝަރަފުވެރި 3 އެވޯޑު:
- މައިކްރޯ އެމްއެސްއެމްއީ އޮފް ދަ އިޔަރ: ނޮޑީސް ކޮފީ
- ސްމޯލް އެމްއެސްއެމްއީ އޮފް ދަ އިޔަރ: ލޫޕް ކްރާފްޓް ޕްރައިވެޓް ލިމިޓެޑް
- މީޑިއަމް އެމްއެސްއެމްއީ އޮފް ދަ އިޔަރ: އޮއިވާލި އާޓް ޝޮޕް
މީގެ އިތުރުން، މި ހަފްލާގައި ފަނޑިޔާރުންގެ މާކްސްއިން އިތުރު 8 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.
ފަނޑިޔާރުންގެ މާކްސްއިން އެވޯޑު ލިބުނު ފަރާތްތައް:
- ސްޓާޓް އަޕް އޮފް ދަ އިއަރ: ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑް
- ގްރީން އެމްއެސްއެމްއީ އޮފް ދަ އިއަރ: ފަހި ގޮވާން
- ޓެކް އެމްއެސްއެމްއީ އޮފް ދަ އިއަރ: ޕިނެޓް ވޯކްސް ޕްރައިވެޓް ލިމިޓެޑް
- އައުޓް ސްޓޭންޑިން ސޯޝަލް ކޮންޓްރިބިއުޝަން އޮފް ދަ އިއަރ: ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް
- ކްރިއޭޓިވް އެމްއެސްއެމްއީ އޮފް ދަ އިއަރ: އެންކްރިއަރ ޕްރައިވެޓް ލިމިޓެޑް
- ނެކްސްޓް-ޖެން އެމްއެސްއެމްއީ އޮފް ދަ އިއަރ: ޖަވާބު ޕްރައިވެޓް ލިމިޓެޑް
- ޔޫތް-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ: ފޯ ދަ ސޮއުލް ބައި ހިމޫ
- ވުމަން-ލެޑް އެމްއެސްއެމްއީ އޮފް ދަ އިއަރ: މާޔާ ނާސިހް
އަދި އާންމުންގެ ވޯޓުން އެންމެ މަޤްބޫލު ވިޔަފާރިތަކަށްވެސް 11 އެވޯޑެއް ހަވާލުކުރެވިފައިވެއެވެ.
އާންމުންގެ ވޯޓުން އެވޯޑު ލިބުނު ފަރާތްތައް:
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެންޓެޓައިންމެންޓް – ޑީޓިއުން ބޭންޑް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: މިއުޒިކް ޕްރޮޑަކްޝަން – މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފޮޓޯގްރަފީ – ލައިޓްސް އައުޓް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިލްމް ޕްރޮޑަކްޝަން – ދަ ކްރިސްޓަލް ކޮމްޕެނީ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފައިން އާޓިސަން – މެކްރަމަމާ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފިޓްނެސް އެންޑް ރެކްރިއޭޝަން – ލެގަސީ ފިޓްނެސް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ފެޝަން އެންޑް އެޕަރަލް ޑިޒައިން – ފާތިމާ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ލައިފް ސްޓައިލް ބްރޭންޑް – ޓްރޮޕިކަލް ޑިޒައިންސް
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: އެފް އެންޑް ބީ – މެރަކީ
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: ކޮންޓެންޓް ކްރިއޭޝަން – ތަކެތި
- އެންމެ މަޤްބޫލު އެމްއެސްއެމްއީ: މާކެޓީން – ލޫޕް ކްރާފްޓް
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވީ، ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް މިފަދަ އެވޯޑެއް ދިންއިރު، ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް މި އެވޯޑު ދޭން ނިންމާފައިވާ ކަމަށެވެ. ބީސީސީން އިތުރަށް ވިދާޅުވީ، އެވޯޑަށް ހުޅުވާލުމާއެކު ލިބުނު ވަރަށް ބޮޑު ތަރުހީބުން އެނގިގެންދަނީ، ކުދި ވިޔަފާރިތަކުން މިފަދަ އެވޯޑަކަށް ވަރަށް ބޭނުންވެފައިވާކަން ކަމަށެވެ.

