ސްވިޒަލޭންޑްގައި ބޭއްވުނު ނީލަމެއްގައި ، ސްޕެއިނުގެ ފިލިޕް ތިންވަނަ ރަސްގެފާނުގެ ޒަމާނާ ގުޅުންހުރި، 1609 ވަނަ އަހަރުގެ ރަން ފައިސާ ފޮއްޗެއް ، ޔޫރަޕުގެ ތާރީޚުގައި މިހާތަނަށް ވިކުނު އެންމެ އަގުބޮޑު ފައިސާއަށް ވެއްޖެއެވެ. މި ފައިސާ ވިކިފައިވަނީ 2,817,500 ސްވިސް ފްރެންކަށް (ގާތްގަނޑަކަށް 3.49 މިލިއަން ޑޮލަރަށް) ށެވެ. މި ފައިސާ ނީލަމަށް ހުޅުވާލިއިރު، އެންމެ ކުޑަ އަގަކަށް ކަނޑައަޅާފައިވަނީ 2 މިލިއަން ސްވިސް ފްރެންކެވެ.

ސެންޓެން ނުވަތަ 100 އެސްކޫޑޯސްގެ ނަމުން މަޝްހޫރު މި ފައިސާއަކީ ސްޕެއިނުގެ ސެގޯވިއާގައި ސްޕެއިންގެ ކޮންކިސްޓަޑޯރުން އެމެރިކާއިން ގެނައި ރަނުން ލިބުނު ފައިސާއެކެވެ. ނީލަން ކުންފުނިން ބުނިގޮތުގައި، މި ފައިސާއަކީ ހަމައެކަނި ފައިސާއެއް ނޫނެވެ؛ މިއީ ރަސްކަމުގެ ބާރުގެ އަދި މުއްސަނދިކަމުގެ ރަމްޒެކެވެ. ނީލަން އިންތިޒާމުކުރި އެލަން ބެރޮން ވިދާޅުވީ، މިއީ މިއަދުގެ ޔޫރަޕުގެ ތާރީޚުގައި އެ ބާވަތުގެ އެންމެ ބޮޑު ފައިސާ ކަމަށާއި، އޭރު މި ފައިސާގެ އަގު، އެތައް އަހަރެއްގެ މުސާރައާ އެއްވަރުވާނެ ކަމަށެވެ.

މި ފައިސާ އެތައް ޤަރުނުތަކެއް ވަންދެން ގެއްލިފައި ހުރުމަށްފަހު، އަލުން ފެނިފައިވަނީ 1950 ވަނަ އަހަރުގައި އެމެރިކާއިންނެވެ. އެއަށްފަހު ނިއުޔޯކުގެ ކަލެކްޓަރަކު އެ ފައިސާ ގަނެ، ފަހުން ސްޕެއިނުގެ ފަރާތަކަށް ވިއްކާލިއެވެ. އެލަން ބެރޮން އިތުރަށް ވިދާޅުވީ، މި ފައިސާއަކީ މައިގަނޑު ގޮތެއްގައި ރަސްރަސްކަލުން އެކަކު އަނެކަކަށް ދެއްވާ ހަދިޔާއެއް ކަމަށާއި، މިހާރު މި ފައިސާ ގަތުމުން، އައު މިލްކުވެރިޔާއަށް ރަސްކަމުގެ ޝަރަފެއް ލިބިގެންދާނެ ކަމަށެވެ.

މި ނީލަމުގައި އެމެރިކާއާއި، ޔޫރަޕާއި، މެދުއިރުމަތީގެ ގިނަ ބަޔަރުންނާއި، އެކި މުއައްސަސާތަކުން ވަނީ މި ފައިސާއަށް ބޮޑު ޝައުޤުވެރިކަމެއް ދައްކާފައެވެ. މީގެ ކުރިން ޔޫރަޕުގައި ވިކުނު އެންމެ އަގުބޮޑު ފައިސާއަކީ، ފަރޑިނެންޑް ތިންވަނަ އޮފް ހެބްސްބާގްގެ 100 ޑޫކެޓް ފައިސާއެވެ. އެ ފައިސާ ވިކިފައިވަނީ 1.95 މިލިއަން ސްވިސް ފްރެންކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *