މިއަހަރުގެ ފަތުރުވެރިކަމުގެ އޮފް ސީޒަންގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ކާމިޔާބުކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން  ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ. އާންމުގޮތެއްގައި ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، އޮފް ސީޒަންގައި ގިނަ އަދަދެއްގެ ފަތުރުވެރިން މީގެކުރިން ނާދެއެވެ.

ސަރުކާރަށް ދެ އަހަރު ވުމާއި ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ނިއުސްއިން ގެނެސްދިން "ހަފްތާ 104″ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ ، ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މަޤްބޫލު މަޝްހޫރު ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި މީގެ ނަތީޖާވެސް ފެންނަމުންދާކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.

ޝިއުރީ ވިދާޅުވި ގޮތުގައި، މިއަހަރުގެ އޮފް ސީޒަންގައިވެސް ފަތުރުވެރިން ރާއްޖެ އައި އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ. އެގޮތުން، އާންމުކޮށް އޮފް ސީޒަންގައި ނުލިބޭ "ޑަބަލް ޑިޖިޓް" ގެ ކުރިއެރުމެއް މިއަހަރު ހޯދާފައިވާކަން  ފާހަގަކުރެއްވިއެވެ.

އާންމުކޮށް އޮފް ސީޒަންގައި ޑަބަލް ޑިޖިޓް ގްރޯތެއް ނުލިބޭ. ސިންގަލް ގްރޯތް ޑިޖިޓެއް މި ފެނިގެންދިޔައީ. މިއަހަރު އޮފް ސީޒަންގައި ވަރަށް ކާމިޔާބު. ކުރިއަށްގެންދެވުނު ކެމްޕެއިންތަކުގެ ސަބަބުން ކަމަށް އަޅުގަނޑުމެން މިބަލަނީ. އަޅުގަނޑުމެން އެކަންޏެއް ނޫން އިންޑަސްޓްރީގެ ރިސޯޓްތަކުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. އެބޭފުޅުންގެ މާކެޓިން ޓީމްތަކުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ކޮލަބޮރޭޓިވްލީ މި ކުރެވޭ މަސައްކަތުގެ ނަތީޖާއޭ އަޅުގަނޑު ދަންނަވާލާނީ،

ޝިއުރީ

ވިޒިޓް މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ގިނަ ކެމްޕެއިންތަކެއް ހިންގަމުންދެއެވެ. މިގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރ މަހު، ދުނިޔޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކެމްޕެއިން ކަމަށްވާ "ވޯލްޑްސް ބިގަސްޓް ގިވްއަވޭ" ވެސް ވަނީ ފަށާފައެވެ. މިއީ އެއް އަހަރު ދުވަހުގެ ކެމްޕެއިނެކެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މައިގަނޑު ގޮތެއްގައި އިސްކަންދެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގަދަ 10 މާކެޓަށް ކަމަށާއި، އަލަށް އަރަމުން އަންނަ މާކެޓްތަކަށްވެސް އިސްކަންދީގެން ހަރަކާތްތައް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *