ހުޅުމާލެ ފޭސް 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި، ބޮޑެތި ޑިސްކައުންޓުތަކަކާ އެކު، "ފައްކާ ހަފްތާ" ސޭލް ފަށައިފި އެވެ. މި ސޭލްގެ ދަށުން، ކޮލިޓީ ރަނގަޅު ގިނަ ބްރޭންޑްތަކުގެ އުފެއްދުންތަކަށް 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ސޭލް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ސޮނީ ސްޕޯޓްސް އިން ބުނެ އެވެ.
މިއީ ސޮނީ ސްޕޯޓްސްގެ އެކި އައުޓްލެޓްތަކުގައި އެކި ދުވަސްވަރު ބާއްވަމުން އަންނަ ސޭލެކެވެ. އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ މިފަދަ ސޭލްތަކުގެ ބޭނުމަކީ، ސޮނީ ސްޕޯޓްސް އިން ވިއްކާ މަގްބޫލު އަދި ކޮލިޓީ ރަނގަޅު ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގަތުމަށް ފުރުސަތު ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ސޭލްގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ސްޕޯޓްސް ބޫޓުން ފެށިގެން ސްޕޯޓްސްވެއާ އަދި ސްޓައިލިޝް ރީތި ހެދުންތަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.
ސޮނީ ސްޕޯޓްސްގެ ފިހާރައިން އެޑިޑާސް، ނައިކީ، ކުއިކްސިލްވާ، ރޮކްސީ، ބިލަބޮންގް، މެންގޯ ފަދަ ގިނަ މަގުބޫލު ބްރޭންޑުތަކުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ. މި ސޭލް ކުރިއަށްދާ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 4 ވަނަ ޓަވަރުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށް، މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ހުޅުވާފައި ހުންނާނެ އެވެ. ހުކުރު ދުވަހު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ފިހާރަ ހުޅުވާފައި ހުންނާނެ ކަމަށް ވެސް ސޮނީ ސްޕޯޓްސް އިން މައުލޫމާތު ދެ އެވެ.
މީގެ ކުރިން ވެސް ސޮނީ ސްޕޯޓްސް އިން "ފައްކާ ހަފްތާ" ގެ ނަމުގައި ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ދީ، ސޭލް ބާއްވައިފައިވާއިރު، އެ ސޭލްތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.

