ސޯލާ ރޭޑިއޭޝަނުގެ ސަބަބުން ފްލައިޓްތަކުގެ ބޯޑު ކޮމްޕިއުޓަރަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރަކާ ގުޅިގެން، ވަގުތީ ގޮތުން ހުއްޓުވާލި އެތައްހާސް އެއަރބަސް ފްލައިޓްތައް އަނބުރާ އާންމު ޙާލަތަށް ރުޖޫޢަވެއްޖެއެވެ. ގިނަ ފްލައިޓްތަކަށް އަވަސް ސޮފްޓްވެއަރ އަޕްޑޭޓެއް ދިނުމަށްފަހު، މިހާރު ވަނީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އާންމުކޮށް ފަށާފައެވެ.

ފްރާންސަށް ނިސްބަތްވާ ބޮޑު އޭރޯސްޕޭސް ކުންފުނި އެއަރބަހުން ބުނީ، އެ ކުންފުނީގެ 6،000 އޭ320 ފްލައިޓަށް މިކަމުގެ އަސަރުކުރި ކަމަށެވެ. މީގެ ތެރެއިން ގިނަ ފްލައިޓްތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސޮފްޓްވެއަރ އަޕްޑޭޓެއް ކުރަން ޖެހުނުއިރު، 900 ވަރަކަށް ދުވަސްވެފައިވާ ފްލައިޓްތަކުގެ ކޮމްޕިއުޓަރު ބަދަލުކުރަން ޖެހުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފްރާންސްގެ ދަތުރުފަތުރުގެ ވަޒީރު ފިލިޕް ތަބާރޯޓް ހޮނިހިރު ދުވަހު ވިދާޅުވީ، 5،000 އަށް ވުރެ ގިނަ ފްލައިޓްތަކުގެ އަޕްޑޭޓްތައް ވަރަށް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާއި، އަދި 100 ފްލައިޓަށް ވުރެ މަދު އަދަދެއްގެ ފްލައިޓް އަޕްޑޭޓް ނުކުރެވި ބާކީ ހުރި ކަމަށެވެ.

އެއަރބަސްގެ ސީއީއޯ ގުއިލޯމް ފޯރީ މިކަމާ ގުޅިގެން ދިމާވި "ލޮޖިސްޓިކަލް ގޮންތަކާއި ލަސްވުންތަކަށް" މަޢާފަށް އެދިވަޑައިގަތެވެ. އަދި އަޕްޑޭޓްތައް "ވީހާ ވެސް އަވަހަކަށް" ނިންމުމަށްޓަކައި ޓީމުތައް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ޕެރިސްގެ ޗާލްސް ޑި ގޯލް އެއާޕޯޓުން ދަތުރުކުރާ އެއާރ ފްރާންސްގެ ގިނަ ފްލައިޓްތަކެއް ވަނީ ލަސްވެ ނުވަތަ ކެންސަލްކުރެވިފައެވެ. އެމެރިކަން އެއާރލައިންސްއިން ބުނީ "އޮޕަރޭޝަނަލް ލަސްވުންތަކެއް" ކުރިމަތިވެދާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ނަމަވެސް ގިނަ އަޕްޑޭޓްތައް ހޮނިހިރު ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. ޑެލްޓާ އެއާރލައިންސްއިން ބުނީ، އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ކުރާ އަސަރު ކުޑަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޔޫކޭ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ޤައުމުގައި ހަރަކާތްތެރިވާ އެއާރލައިންސްތަކުން މި އަޕްޑޭޓްތައް ކުރުމަށް ރޭގަނޑު މަސައްކަތްކުރި ކަމަށާއި، ވައިގެ ދަތުރުފަތުރަށް ސީރިއަސް އަސަރެއް ނުކުރާ ކަމަށެވެ. ލަންޑަންގެ ގެޓްވިކް އެއާޕޯޓުން "ކުދިކުދި ދަތިތަކެއް" ކުރިމަތިވި ކަމަށް ރިޕޯޓްކުރިއިރު، ހީތްރޯ އެއާޕޯޓުން ބުނީ އެއްވެސް ފްލައިޓެއް ކެންސަލްކުރަން ނުޖެހޭ ކަމަށެވެ. މެންޗެސްޓަރ އެއާޕޯޓުން ބުނީ މާ ބޮޑު މައްސަލައެއް ދިމާނުވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި، ލޫޓަން އެއާޕޯޓުން ބުނީ "އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބެލެވޭ" ކަމަށެވެ. ބްރިޓިޝް އެއާރވޭސްއާއި އެއާރ އިންޑިއާއަށް މި މައްސަލައިގެ ބޮޑު އަސަރެއް ނުކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހޮނިހިރު ދުވަހު އީޒީޖެޓްއިން ބުނީ، އެ ކުންފުނީގެ ގިނަ ފްލައިޓްތަކުގެ އަޕްޑޭޓްތައް ނިމިފައިވާ ކަމަށާއި، އާންމުކޮށް އޮޕަރޭޓްކުރުމަށް ރާވާފައިވާ ކަމަށެވެ. ވިޒް އެއާރ ވެސް ވަނީ ރޭގަނޑު އަޕްޑޭޓްތައް ނިމުމަށްފަހު ޙިދުމަތް ފަށާފައެވެ.

އޮސްޓްރޭލިއާގައި ބަޖެޓް އެއާރލައިން ޖެޓްސްޓާރއިން 90 ފްލައިޓް ކެންސަލްކުރިއެވެ. އެ ކުންފުނީގެ ގިނަ ފްލައިޓްތަކަށް މިހާރު ވަނީ އަޕްޑޭޓް ދީފައެވެ. ނަމަވެސް ހަފްތާ ބަންދުގައި ބައެއް ދަތިތައް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވެއެވެ. އެއާރ ނިއުޒީލެންޑްއިން އެ ކުންފުނީގެ އޭ320 ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓުވާލި ނަމަވެސް، އަޕްޑޭޓް ނިމުމާއެކު މިހާރު ހުރިހާ ދަތުރުތައް ވަނީ އަނބުރާ ފަށާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *