ދިވެހިރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ، މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ ނަޝީ ކޭކު (އައިމިނަތު ނަޝީދާ)، އިނގިރޭސިވިލާތުގެ މަޝްހޫރު "ޑެލިޝިއަސް މެގަޒިން"އިން ދޭ "ޑެލިޝިއަސް އެވޯޑްސް"ގެ "ކޭކު އާޓިސްޓް އޮފް ދި އިޔަރ"ގެ ސެމީ ފައިނަލިސްޓަކަށް ހޮވިއްޖެއެވެ.
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން 28,500 މީހުން ވާދަކުރި މި އެވޯޑަކީ، މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ވާދަކުރި އަހަރެވެ. ދުނިޔޭގެ މި ބޮޑު މުބާރާތުގައި ވާދަކޮށް ނަޝީ ކޭކު ސެމީ ފައިނަލިސްޓަކަށް ހޮވުމަކީ، ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެކެވެ.
ޑެލިޝިއަސް އެވޯޑަކީ، އިނގިރޭސިވިލާތުގެ މަޝްހޫރު ކޭކު މެގަޒިން ޑެލިޝިއަސް މެގަޒިންއިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އަހަރުގެ "ކޭކު އާޓިސްޓް އޮފް ދި އިޔަރ"ގެ ސެމީ ފައިނަލިސްޓުންގެ ގޮތުގައި 20 މީހުން ހޮވިފައިވާ އިރު، މި މީހުން ހޮވާފައިވަނީ ޖަޖުންގެ މާކްސްއާއި އާންމުންގެ ވޯޓުންނެވެ.

ނަޝީ ކޭކު މިހާރު ދަނީ މި އެވޯޑުގެ ފައިނަލިސްޓަކަށް ވާދަކުރަމުންނެވެ. ސެމީ ފައިނަލިސްޓުންގެ ތެރެއިން ދެވަނަ ބުރުގައި 5 މީހުން ފައިނަލިސްޓުންގެ ގޮތުގައި ހޮވާނެއެވެ. މި އެވޯޑަށް ނަޝީ ކޭކު މިދިޔަ އަހަރުވެސް ފައިނަލިސްޓެއްގެ ގޮތުގައި ވާދަކޮށްފައިވެއެވެ.
ދިވެހިންގެ މެދުގައި ނަޝީ ކޭކު ވަނީ ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. ކޭކު އެޅުމުގެ މި މަސައްކަތުގައި ނަޝީ ކޭކު ހަރަކާތްތެރިވަމުން އަންނަތާ މިހާރު 40 އަހަރު ވެފައިވާކަން ފާހަގަކޮށްލެވެއެވެ.

