ރާއްޖެއަށް އިންވެސްޓް ކުރުމުގެ މަޝްވަރާތަކަށް ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދަކުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމަކީ ރައީސް މުއިއްޒު މި އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވުނު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާތައް ފުޅާކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. ޚާއްސަ ގޮތެއްގައި އަމިއްލަ ވިޔަފާރިތަކާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނުއިރު، އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ވެސް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު، ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެ ޝުކުރު އަދާ ކުރެއްވި އެވެ. އެގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް ނިންމުމަށް ސައުދީ ސަރުކާރުން ދިން އެހީތެރިކަމަށާއި އަދި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ މަތީ ފެންވަރުގެ ވަފްދެއް ފޮނުއްވި ކަމަށްޓަކައި ވެސް ރައީސް ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިއްޔެ ބުނެފައިވާ ގޮތުގައި، މި ވަފްދުން ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ މަގު ފަހިކުރުމަށްޓަކައި، ދިވެހި ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ވަފްދު މިއަދު ބާއްވަން ހަމަޖެހިފައިވާ އިތުރު ބައްދަލުވުމެއްގައި ވެސް ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސައުދީ ފަންޑުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ ފަދަ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ވެސް ސައުދީ ފަންޑުން ލޯނު އެހީ ދީފައިވެ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

