ސެމްސަންގުން އައު "ގެލެކްސީ ޒެޑް ޓްރައިފޯލްޑް" ތަޢާރަފުކޮށްފިއެވެ. މިއީ 2،443 ޑޮލަރަށް ވިއްކަން ހަމަޖައްސާފައިވާ، އައު ޒަމާނީ ފޯލްޑަބަލް ސްމާޓްފޯނެކެވެ. މި ފޯނު ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މި ފޯނުގެ އަގު، އައިފޯން 17 ގެ އަގަށްވުރެ ދެގުނަ ބޮޑެވެ.
ގެލެކްސީ ޒެޑް ޓްރައިފޯލްޑްގައި ތިން ފަށަށްފަށްޖަހާލެވޭ ޑިޒައިނެއް ހިމެނޭއިރު، އެ ފޯނު ހުޅުވާލުމުން 10 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ފެންނަން ހުންނާނެއެވެ. ސެމްސަންގުން ބުނާގޮތުގައި، މި ބޮޑު ސްކްރީނުގެ ސަބަބުން " ތަކެތި އުފައްދާ ހިންގުމުގެ ފުރުސަތުތައް އިތުރުވެ،" މަސައްކަތް ކުރުމާއި މަލްޓިމީޑިއާ ބޭނުންތަކަށް ވަރަށް އެކަށީގެންވެއެވެ. ނަމަވެސް، މިފަދަ ތިން ފަށް ޖަހާލެވޭ ފޯނެއް ތަޢާރަފުކުރި ފުރަތަމަ ކުންފުންޏަކީ ސެމްސަންގެއް ނޫނެވެ. މީގެ ކުރިން، ޗައިނާގެ ޓެކް ކުންފުނި ހުވެއި އިން މިފަދަ މޮޑެލެއް މިދިޔަ އަހަރު ބާޒާރަށް ނެރެފައިވެއެވެ.
މި ފޯނުގެ ބަރުދަނަކީ 309 ގްރާމެވެ. އަދި މި ފޯނަކީ ވަރަށް ތުނި ފޯނަކަށްވާއިރު ، 0.2 އިންޗިއަށްވުރެ ތުންޏެވެ. މި ފޯނު ލިބެން ހުންނަނީ ހަމައެކަނި ކަޅު ކުލައިންނެވެ. މީގެ އިތުރުން، މި ފޯނުގައި ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް ފީޗާސްތައްވެސް ހިމެނޭއިރު، ސްކްރީން ނުވަތަ ކެމެރާ މެދުވެރިކޮށް އެހީތެރިކަން ލިބި، ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސެމްސަންގުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ގެލެކްސީ ޒެޑް ޓްރައިފޯލްޑް ބާޒާރަށް ނެރެފައިވަނީ ބޮޑެތި އަދަދަކަށް ވިއްކުމުގެ މަޤްސަދުގައެއް ނޫނެވެ. ސެމްސަންގް އިލެކްޓްރޯނިކްސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެލެކްސް ލިމް ވިދާޅުވީ، މިއީ އީޖާދީ ގޮތްތައް ދައްކުވައިދިނުމަށްޓަކައި ހަދާފައިވާ "ސްޕެޝަލް އެޑިޝަން" އުފެއްދުމެއް ކަމަށެވެ.
މި ފޯނު ތަޢާރަފުކޮށްފައި މިވަނީ، އެޕަލްއާ ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ދާދިފަހުން ނެރެފައިވާ އިންޑަސްޓްރީ ރިޕޯޓްތަކުން ދައްކާގޮތުގައި، 2029 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯން އުފައްދާ ކުންފުންޏަށް އެޕަލް ވެގެންދާނެއެވެ. އެޕަލްއިން ވެސް ފޯލްޑަބަލް އައިފޯނެއް އުފައްދަމުންދާ ކަމަށް ޚަބަރުތައް ފެތުރިފައިވާއިރު، އެ ފޯނު އަންނަ އަހަރުގެ ކުރީކޮޅުވެސް ބާޒާރަށް ނެރެފާނެ ކަމަށް ވަނީ ބެލެވިފައެވެ. ރިސާޗް ފަރމް ކައުންޓަރޕޮއިންޓުން ބުނާގޮތުގައި، 2025 ވަނަ އަހަރާ ހަމައަށް އެޕަލްގެ ގްލޯބަލް ސްމާޓްފޯން މާކެޓް ހިއްސާ 19.4% އަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ސެމްސަންގުގެ ހިއްސާ 18.7% އަށް ދަށްވެ، 14 އަހަރު ފަހުން މާކެޓްގެ ލީޑަރޝިޕް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.
ގެލެކްސީ ޒެޑް ޓްރައިފޯލްޑް ބާޒާރަށް ނެރުމުގެ މަޤްސަދަކީ، ގިނަ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވެފައިވާ މާކެޓެއްގައި ސެމްސަންއިން ފާހަގަކޮށްލެވޭނެ، އީޖާދީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އުފެއްދުމެއް ނެރުމެވެ. މި ފޯނުގެ ސަބަބުން ބްރޭންޑުގެ އީޖާދީކަން ދައްކުވައިދީ، ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށް ސެމްސަންގުން ދަނީ މަސައްކަތް ކުރަމުންނެވެ.

