ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޓެކްނޮލޮޖީ ރެގިއުލޭޓަރުން އެލޮން މަސްކްގެ ސޯޝަލް މީޑިއާ ކުންފުނި އެކްސް 120 މިލިއަން ޔޫރޯ (140 މިލިއަން ޑޮލަރު) ގެ ބޮޑު ޖޫރިމަނާއެއްކޮށްފިއެވެ. މިޖޫރިމަނާއަކީ އީޔޫގެ އޮންލައިން ކޮންޓެންޓް ޤަވާއިދުތަކާ ޚިލާފުވުމުން އެޅި ފިޔަވަޅެކެވެ. މި ޖޫރިމަނާ ވަނީ ހުކުރު ދުވަހު ކަނޑައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް ބެލެވެއެވެ.

އީޔޫގެ ރެގިއުލޭޓަރުން ބުނެފައިވާ ގޮތުގައި އެކްސް އިން ޑިޖިޓަލް ސަރވިސަސް އެކްޓް (ޑީ.އެސް.އޭ) އާ ޚިލާފުވެފައިވަނީ، ވެރިފައިކުރެވިފައިވާ އެކައުންޓްތަކަށް ދޫކުރާ ބްލޫ ޗެކްމާކްގެ ޑިޒައިން އޮޅުވާލާފަދަ ގޮތަކަށް ހެދުމާއި، އިޝްތިހާރުގެ މައުލޫމާތު ހާމަކުރުން ކުޑަވުމާއި، ދިރާސާކުރާ ފަރާތްތަކަށް އާންމު މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުންނެވެ.

މި ޖޫރިމަނާއަކީ އީޔޫގެ ޑީ.އެސް.އޭ ޤާނޫނުގެ ދަށުން އަޅާފައިވާ ފުރަތަމަ ފިޔަވަޅު ކަމަށް ވާއިރު، މިކަމުގެ ސަބަބުން ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ޒިންމާތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. މި މުހިންމު ޤާނޫނުގެ ދަށުން، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން އޮންލައިން ކޮންޓެންޓްތައް މޮޑެރޭޓްކޮށް، ޔޫޒަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ގިނަ ޒިންމާތަކެއް އުފުލަން ޖެހެއެވެ.

މިކަމާ ގުޅިގެން ޓިކްޓޮކް އަށް ފިޔަވަޅެއް ނޭޅުނީ، އެ ކުންފުނިން ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އެޅުމަށް އެއްބަސްވުމުންނެވެ. ޔޫރަޕުން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދަނީ، ކުދި ކުންފުނިތަކަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށާއި، ކަސްޓަމަރުންނަށް އިތުރު އިޚްތިޔާރުތަކެއް ފޯރުކޮށްދިނުމަށް ކަމަށް ޔޫރަޕުން ބުނެއެވެ.

ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ވަނީ ޔޫރަޕުގެ މި ފިޔަވަޅުތަކަށް ފާޑުކިޔާފައެވެ. އެމެރިކާގެ ކުންފުނިތަކަށް ވަކިކޮށް އަމާޒުކޮށް، އެމެރިކާގެ ރައްޔިތުންގެ މިނިވަންކަން ހަނިކުރާ ކަމަށް ޓްރަމްޕް ސަރުކާރުން ބުނެއެވެ. ޔޫރަޕިއަން ކޮމިޝަން (އީޔޫގެ އެގްޒެކެޓިވް) އިން ވަނީ މިކަމަށް ރައްދުދީފައެވެ. އެފަރާތުން ބުނީ އީޔޫގެ ޤާނޫނުތަކުން ވަކި ޤައުމެއްގެ ކުންފުނިތަކަކަށް އަމާޒުނުކުރާ ކަމަށާއި، އެއީ ހަމައެކަނި ޑިޖިޓަލް އަދި ޑިމޮކްރެޓިކް މިންގަނޑުތައް ދިފާއުކުރުން ކަމަށެވެ. މި މިންގަނޑުތަކަކީ އާންމުކޮށް މުޅި ދުނިޔެއަށް ނަމޫނާ ދައްކާ މިންގަނޑުތަކެއް ކަމަށްވެސް އެފަރާތުން ފާހަގަކުރިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *