ދިރާގު ފިންޓެކްއިން ހިންގަމުންދާ ދިރާގުޕޭގެ ޚިދުމަތުގައި ރަޖިސްޓަރީކޮށްގެން 50,000 ރުފިޔާގެ އަގުހުރި އިނާމެއް ހާސިލްކުރުމުގެ ރަން ފުރުސަތު ހުޅުވާލައިފިއެވެ. ދިރާގުން ހާމަކޮށްފައިވާ ގޮތުގައި މި ޚާއްސަ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުޕޭއަށް މިހާރު ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި، އަލަށް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. މި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް 50,000 ރުފިޔާގެ އިނާމު ލިބޭނެއެވެ. ދިރާގުން ބުނީ ދިވެހިރާއްޖެއަށް ނިސްބަތްވާ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށްވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެ ކަމަށެވެ.
ދިރާގު ފިންޓެކް އިން ވަނީ ދާދި ފަހުން އެއް ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮމޯޝަނަށް ވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބިފައެވެ. މިއީ ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ދިރާގުޕޭ އީ-ވޮލެޓަކީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ. މީގެ ތެރޭގައި ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި އެތައް ޚިދުމަތްތަކެއް ހިމެނެއެވެ.
މި ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

