ދައުލަތުގެ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަކުރުމާއި ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިދިޔަ އަހަރާ އަޅާބަލާއިރު، ބިލިއަނެއްހާ ރުފިޔާ އިތުރު ވެފައިވާ ކަމަށް ދައުލަތުގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ. މިކަން ހާމަވެފައިވަނީ، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން"ނެވެ.

އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ނޮވެމްބަރު 27 އާ ހަމައަށް އެސްޑީއެފަށް ޖަމާކުރި ޖުމުލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެސްޑީއެފަށް ޖަމާކުރި 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 1.1 ބިލިއަން ރުފިޔާ ނުވަތަ 84.9 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެސްޑީއެފަށް ޖަމާކުރި އަދަދު މިހާ ބޮޑުތަނުން އިތުރުވެފައިވަނީ، ދައުލަތަށް އެ މުއްދަތުގައި ލިބުނު އާމްދަނީގެ ކުރިއެރުންތަކާ ގުޅިގެންނެވެ. މިގޮތުން، މިދިޔަ ނޮވެމްބަރު 27 އާ ހަމައަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ދައުލަތުގެ އާމްދަނީގެ މައިގަނޑު ހިއްސާ ކަމަށްވާ ޓެކްސް އާމްދަނީ ވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. މިގޮތުން، ޓެކްސް އާމްދަނީ 24 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. ހަމަ އެއާ އެކު، ޓެކްސް ނޫން އާމްދަނީން ވެސް ވަނީ ކުރިއެރުން ހޯދައިފަ އެވެ. 8.6 ބިލިއަން ރުފިޔާގެ ޖުމްލަ ޓެކްސް ނޫން އާމްދަނީ އަކީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ ނުވަތަ 19 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ވެސް ހުރީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްކޮށެވެ. ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމުލަ ވަނީ 42 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

މި ކުރިއެރުންތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުގެ ޖުމްލަ ޑެފިސިޓް ވަނީ ބޮޑުތަނުން ކުޑަވެފަ އެވެ. ބަޖެޓްގެ ޖުމްލަ ބެލެންސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން، މިހާރު ވަނީ 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފަ އެވެ. އަދި އެ މުއްދަތުގައި ޕްރައިމަރީ ބެލެންސް 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *