ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާ، މިމަސް ނިމުމުގެ ކުރިން ދޫކުރުމަށް ރައީސް އޮފީހުން ޔޫތު މިނިސްޓްރީއަށް އަންގައިފި އެވެ. މިކަމާ ގުޅޭ އުސޫލުތައް ކަނޑައަޅާނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ މި އަހަރު ނިމުމުގެ ކުރިން ދިނުމަށް ޔޫތު މިނިސްޓްރީއަށް މިދިޔަ ހަފުތާގައި އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ އޮފިޝަލެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް ވަނީ މައުލޫމާތު ދެއްވާފައެވެ. މި ފައިސާ ދޫކުރުމާ ގުޅޭ އުސޫލުތައް ނުވަތަ ޕޮއިންޓު ދޭނެ ގޮތްތައް ބަލާނީ މީޑިއާ ކޮމިޝަނުން ކަމަށް ވިޔަސް، ފައިސާ ދޫކުރުމުގައި މެދުވެރިއަކަށް ވާނީ ޔޫތު މިނިސްޓްރީ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީޑިއާތަކަށް ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީން ކުރިން ކަނޑައެޅި އުސޫލު ބަދަލުކޮށް، އެކަން ކުރާނީ މިހާރު މީޑިއާ ކޮމިޝަނުންނެވެ. "ދެފުށް ފެންނަ ގޮތަކަށް މިކަން ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ. މި އަހަރު ނިމުމުގެ ކުރިން ފައިސާ ދޫކުރަން މި އެންގީ،" އޮފިޝަލް ވިދާޅުވި އެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ކުރިން ނިންމި ގޮތާ މެދު ބޮޑެތި ޝަކުވާތައް އުފެދުމުން، އެ ނިންމުން މިދިޔަ އޮކްޓޯބަރު މަހު ބާތިލްކޮށް، އެ މަސައްކަތް ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފަ އެވެ. އެ ނިންމުން އައީ ބައެއް މީޑިއާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ޝަކުވާތައް ގެންދިއުމާ އެކު އެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ވަނީ ކަނޑައަޅާފަ އެވެ؛ އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
މި ފައިސާ ދެނީ އެކަމާ ބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓު ލިބޭ މީޑިއާތަކަށް އެކަންޏެވެ. ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރަކީ މިއެވެ.

