ވަޒީފާގެ ފުރުޞަތުތައް ފުޅާކުރުމާއި، ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށްޓަކައި އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސް (އެން.ސީ.އެސް) ގެ ގޮފި ރަސްމީކޮށް ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.

އައްޑޫސިޓީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޙައިދަރު ވިދާޅުވީ، ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާ ދޭ ކުންފުނިތަކާއި، ތަމްރީނު ދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދެވޭނެ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވަނީ ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށްވާނެކަން ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ކެރިއަރ ސަރވިސް (އެން.ސީ.އެސް) ގެ މައިގަނޑު މަޤްސަދަކީ، ޒުވާނުންނަށް ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ވަޒީފާގެ ބާޒާރާ ދެމެދު ގުޅުން ޤާއިމްކޮށް، ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ ޤާބިލިއްޔަތު އިތުރު ކުރުމަކީވެސް އެން.ސީ.އެސް ގެ މުހިންމު ބޭނުމެކެވެ. މިގޮތުން، ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދީ، ވަޒީފާއަށް އަހުލުވެރި ކުރުވައި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރުވަނިވި މަސައްކަތްތެރިން ބިނާކުރުމަށް އެން.ސީ.އެސްއިން މުހިންމު ދައުރެއް އަދާކުރެއެވެ.

2024 ވަނަ އަހަރު ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކު ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކުރެވި ކުރަން ފެށި މަސައްކަތުން މިހާރު މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ 4 އަތޮޅެއްގައި ދަނީ ޚިދުމަތް ދެމުންނެވެ. މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ރާއްޖޭގެ 14 އަތޮޅެއްގައި ކެރިއަރ ގައިޑެންސް އަދި އެހެނިހެން ސެޝަންތައް ވަނީ ބާއްވާފައެވެ. މި މުއްދަތުގެ ތެރޭގައި 916 ކުދިންނަށް ކެރިއަރ ގައިޑަންސް ދީފައިވާއިރު، 20 ފަރާތަކަށް އެކިކަހަލަ އިންޓާންޝިޕްގެ ފުރުޞަތުތައް ވެސް ދީފައިވެއެވެ.

މިއަދާ ހަމައަށް އައިއިރު ޖޮބް ސެންޓަރ ޕޯޓަލްގައި ވަޒީފާ ހޯދާ ފަރާތުގެ ގޮތުގައި 8912 މީހުން ރަޖިސްޓްރީވެފައިވާއިރު، ވަޒީފާ ދޭ ފަރާތެއްގެ ގޮތުގައި 4076 ކުންފުނި ނުވަތަ ފަރާތް ރަޖިސްޓްރީވެފައިވެއެވެ. މީގެ އިތުރުން މިއަދާ ހަމައަށް 1562 މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވާ ކަމަށް އެން.ސީ.އެސްއިން މަޢުލޫމާތު ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *