ބަރުދަން ލުއިކުރުމަށް މިހާރު ބާޒާރުގައި އެންމެ ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާ ތިން ބޭހެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވުނު މުހިންމު ދިރާސާއަކުން، ގިނަ ބަޔަކަށް ހައިރާންކަން ގެނުވާފަދަ ނަތީޖާތަކެއް ފެންމަތިވެފައިވެއެވެ. މި ދިރާސާ ސައިންސްވެރިން ކުރިއަށް ގެންދެވީ، ހަށިގަނޑުގެ ބަރުދަން އިތުރުވުމުގެ މައްސަލަ ހައްލުކުރުމަށް މި ބޭސްތައް ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އަށް މަޢުލޫމާތު ދިނުމުގެ މަޤްޞަދުގައެވެ.

ބަރުދަން ލުއިކުރުމަށް އެންމެ އެދެވޭ ގޮތަކީ ކެއުމުގެ އާދަތަކަށް ސަމާލުކަން ދިނުމާއި ކަސްރަތުކުރުންކަން އެނގިފައިވާ ހިނދުވެސް، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަނީ ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށް އެހީ ހޯދުމުގެ ގޮތުން ބޭސް ބޭނުންކުރުމަށް ވިސްނާފައެވެ. އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ އަށް މީހުންކުރެ އެކަކު، އޮޒެމްޕިކް ނުވަތަ ވެގޯވީ ފަދަ ޖީ.އެލް.ޕީ-1 ބޭސްތައް ބޭނުންކުރާކަން ފާހަގަކުރެވެއެވެ. މި ބޭސްތައް ފުރަތަމަ އުފެއްދީ ހަކުރު ބަލި (ޓައިޕް-2 ޑައިބެޓީސް) އަށް ފަރުވާ ދިނުމަށެވެ. ޖީ.އެލް.ޕީ-1 ބޭސްތަކަކީ ހަށިގަނޑުގައި ހުންނަ ހޯމޯނެއްގެ މަސައްކަތްކޮށް، ބޭނުންކުރާ މީހުންނަށް ބަނޑުފުރިފައި ހުންނަކަމުގެ އިޙްސާސް ދިގުދެމިގެންދާގޮތް ހަދައި، ކެއުމުގެ ބޭނުން ކުޑަކޮށް ބަރުދަން ލުއިކުރާ ބޭސްތަކެކެވެ.

އޮޒެމްޕިކް ބޭނުންކުރަނީ ހަކުރު ބަލި ޓައިޕް-2 އަށް ފަރުވާ ދިނުމަށް ކަމަށްވުމާއެކު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ބަރުދަން ލުއިކުރުމަށް މި ބޭސް ބޭނުންކުރުމުގެ ހުއްދައެއް އަދި ދީފައެއް ނުވެއެވެ. ނަމަވެސް، މަޝްހޫރު ތަރިންނާއި އާންމުންގެ ގިނަ ބަޔަކު މި ބޭސް ބަރުދަން ލުއިކުރުމަށް ބޭނުންކުރުން ހުއްޓާލާފައި ނުވާކަން ފާހަގަކުރެވެއެވެ.

ދިރާސާގެ ތަފްޞީލުތައް:
މި ދިރާސާގައި، ސައިންސްވެރިން ވަނީ މުންޖާރޯ ގައި ހިމެނޭ މައިގަނޑު މާއްދާ ކަމަށްވާ ޓިރްޒެޕަޓައިޑް އާއި، ވެގޯވީ އަދި އޮޒެމްޕިކްގައި ހިމެނޭ ސެމަގްލޫޓައިޑް އާއި، ސެކްސެންޑާ ގައި ހިމެނޭ ލިރަގްލޫޓައިޑް އަޅާކިޔައި ދިރާސާކޮށްފައެވެ. މި ދިރާސާގެ ނަތީޖާތައް ވަނީ "ކޮކްރަން ޑޭޓާބޭސް އޮފް ސިސްޓެމެޓިކް ރިވިއުސް" ގައި ޝާއިޢުކޮށްފައެވެ. ދިރާސާއިން ދައްކާފައިވާ ގޮތުގައި، މި ތިން ބޭސްވެސް ޕްލަސީބޯ ބޭނުންކުރި މީހުންނާ އަޅާބަލާއިރު ބޭނުންކުރި މީހުންގެ ބަރުދަން ފާހަގަކުރެވޭ މިންވަރަކަށް ލުއިކޮށްފައިވެއެވެ.

1. މޮންޖާރޯ 
ދިރާސާގެ ނަތީޖާތަކުން އެންމެ ފައިދާހުރިކަން ދައްކާފައިވަނީ ޓިރްޒެޕަޓައިޑް (މޮންޖާރޯ) އެވެ. މި ބޭސް ބޭނުންކުރި ބަލިމީހުންގެ ބަރުދަން 12-18 މަސްދުވަހުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުގެ ޖުމްލަ ބަރުދަންގެ 16 އިންސައްތަ ވަނީ ދަށްކޮށްފައެވެ. އަދި މި ބޭހުގެ އެންމެ މުހިންމު ސިފައަކީ، އެހެނިހެން ޖީ.އެލް.ޕީ-1 ބޭސްތަކާ އަޅާބަލާއިރު، ލުއިކުރި ބަރުދަން އެންމެ ދިގު މުއްދަތަކަށް، އެގޮތުން 3.5 އަހަރާ ހަމައަށް، ދެމެހެއްޓިކަމެވެ.

2. ސެމަގްލޫޓައިޑް ( ވެގޯވީ އަދި އޮޒެމްޕިކް)
ސެމަގްލޫޓައިޑް ބޭނުންކުރި ބަލިމީހުންގެ ބަރުދަން 3-16 މަސްދުވަހުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުގެ ޖުމްލަ ބަރުދަންގެ 11 އިންސައްތަ ވަނީ ލުއިކޮށްފައެވެ. މި ބޭސް ބޭނުންކުރި މީހުންނަށް ލުއިކުރި ބަރުދަން ދެ އަހަރާ ހަމައަށް ދެމެހެއްޓޭކަންވެސް ދިރާސާއިން ދައްކައެވެ. ނަމަވެސް، އޮޒެމްޕިކް އަދި ވެގޯވީ ބޭނުންކުރާ މީހުންނަށް މޭނުބައިކުރުން، ހޮނޑުލެވުން، އަދި ބަނޑުހަރުވުން ފަދަ ނުރައްކާތެރި ނޭދެވޭ އަސަރުތައް އެހެން ބޭސްތަކާ އަޅާބަލާއިރު އިތުރަށް ކުރިމަތިވެދާނެ ކަމަށް ދިރާސާއިން ފާހަގަކޮށްފައިވެއެވެ.

3. ލިރަގްލޫޓައިޑް (ސެކްސެންޑާ)
ލިރަގްލޫޓައިޑް ބޭނުންކުރި މީހުންގެ ބަރުދަން އެމީހުންގެ ހަށިގަނޑުގެ ޖުމްލަ ބަރުދަންގެ ގާތްގަނޑަކަށް ފަސް އިންސައްތަ ވަނީ ލުއިކޮށްފައެވެ. މި މިންވަރަކީ ޕްލަސީބޯ ބޭނުންކުރި މީހުންނާ އަޅާބަލާއިރު ގިނަ މިންވަރެއް ކަމުގައިވީނަމަވެސް، އެހެން ބޭސްތަކާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ. ނަމަވެސް، މި ބޭސް ބޭނުންކުރި މީހުންނަށްވެސް ދެ އަހަރާ ހަމައަށް ލުއިކުރި ބަރުދަން ދެމެހެއްޓޭކަން ދިރާސާއިން ހާމަކުރެއެވެ.

ދިގު މުއްދަތުގެ އަސަރުތައް
މި ތިން ބޭހާއި ޕްލަސީބޯއާ ދެމެދު ހިތާއި ލޭހޮޅިތަކާ ގުޅުންހުރި މައްސަލަތައް، ދިރިއުޅުމުގެ ފެންވަރު ނުވަތަ މަރުވުމުގެ ރިސްކު ފަދަ ކަންކަމުގައި މާ ބޮޑު ތަފާތެއް ނެތްކަންވެސް ދިރާސާއިން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ޑޮކްޓަރުން ބުނެފައިވަނީ މިކަމާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރަންޖެހޭ ކަމަށެވެ. ޔުނިވަރސިޑާޑް ޑެ ވަލްޕަރައިސޯ  ގެ އީވާ މެޑްރިޑް ވިދާޅުވީ، "ހިތާއި ލޭހޮޅިތަކުގެ ޞިއްޙަތާ ގުޅުންހުރި ދިގު މުއްދަތުގެ އަސަރުތަކާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާނެ. ފަރުވާ ހުއްޓާލުމަށްފަހު ބަރުދަން އަލުން އިތުރުވުމަކީ ފެނުނު ހެޔޮ ބަދަލުތަކުގެ ދިގުދެމިގެންދާ މުއްދަތަށް އަސަރުކޮށްފާނެ ކަމެއް." ކަމަށެވެ.

ހެއިންރިކް ހައިން ޔުނިވަރސިޓީ ޑަސެލްޑޯފް ގެ އެހީތެރި ރިސާޗަރ ހުއާން ފްރޭންކޯވިދާޅުވީ، މި ދިރާސާއަކީ "ފޯރިގަދަ ވަގުތުކޮޅެއް" ކަމަށެވެ. "މި ބޭސްތަކަކީ، ޚާއްޞަކޮށް ފުރަތަމަ އަހަރު، ފާހަގަކުރެވޭ ވަރަކަށް ބަރުދަން ލުއިކުރުމުގެ ގާބިލުކަން ލިބިފައިވާ ބޭސްތަކެއް. ބަރުދަން އިތުރުވެފައިވާ މީހުންނަށް އެފަދަ ފަރުވާއެއް ހޯދުމަށް ދިގު މުއްދަތެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު އައިސްފައިމިވަނީ ވަރަށް އުފާވެރި ވަގުތެއް" އޭނާ ވިދާޅުވިއެވެ.

މި ދިރާސާގެ ނަތީޖާތަކަކީ ޑަބްލިއު.އެޗް.އޯ އިން ޖީ.އެލް.ޕީ-1 ބޭސްތައް ބޭނުންކުރުމާ ބެހޭގޮތުން އާ ގައިޑްލައިންތައް އެކުލަވާލުމަށް ބޭނުންކުރާނެ މުހިންމު މައުލޫމާތުތަކެކެވެ. މި ގައިޑްލައިންތައް އާންމުންގެ ލަފާ ހޯދުމަށްފަހު އަންނަ ސެޕްޓެމްބަރު މަހު ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *