ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސް، ނަރުހުންނާއި ޓީޗަރުން އަދި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް ހޯމް މިނިސްޓްރީން ވަނީ ގަވާއިދު އިސްލާހުކޮށްފަ އެވެ. މި އިސްލާހު ސަރުކާރުގެ ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފައިވާއިރު، މިއީ ރާއްޖޭގައި ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ހަނިކޮށް، ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅެކެވެ.
ހޯމް މިނިސްޓްރީން ގެޒެޓުގައި އާންމުކުރި މި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައް ބަޔާންކޮށްފަ އެވެ. އަދި އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރުމަށް ވަކި މުއްދަތެއް ވެސް މި ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.
ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައް:
- ހެއާ ޑްރެސަރުން
- ބިއުޓީޝަނުން
- ބޭބީ ސިޓާސް
- ޕާސަނަލް ޓްރެއިނާސް
- އިލެކްޓްރީޝަނުން
- ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)
- ޓުއާ ގައިޑުން
- އެކައުންޓެންޓުން
- އިމާމުން
ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތައް:
- ޑައިވަރުން
- ނަރުހުން
- ބިލްޑިން އިކްސްޕެކްޓަރުން
- ސާވޭޔަރުން
- ސައިޓް ސުޕަވައިޒަރުން
- ޕައިލެޓުން
ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:
- އިލެކްޓްރިކަލް އިންޖީނިއަރުން
- ޑައިވް އިންސްޓްރަކްޓަރުން
ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތައް:
- ހައުސް ކީޕިން މެނޭޖަރުން
- ހިއުމަން ރިސޯސް މެނޭޖަރުން
- ފްރަންޓް އޮފީސް މެނޭޖަރުން
- ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން
މި ގަވާއިދު އިސްލާހުކޮށްފައި މިވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް، އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކުރެވިފަ އެވެ. މީގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވަނީ ވިދާޅުވެފަ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

