އަހަރުގެ ފުރަތަމަ 10 މަސް ދުވަސް ތެރޭ ޓޫރިޒަމް ދާއިރާއަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޓޫރިޒަމް ދާއިރާއަށް 12.4 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި އޮކްޓޫބަރު މަހު އެ އަދަދު ހުރީ 13.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ މާލީ އިދާރާތަކުން އެންމެ ބޮޑު އަދަދެއްގެ ލޯނު ދޫކޮށްފައިވަނީ ވެސް ޓޫރިޒަމް ދާއިރާއަށެވެ.
ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމް ސެކްޓަރުގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ރިސޯޓު އަންނަނީ ތަރައްގީ ކުރަމުންނެވެ.
ޓޫރިޒަމް ދާއިރާގައި ހިދުމަތް ދިނުމަށް 67،000 އެނދު ބޭނުން ކުރަމުން އަންނަ އިރު އޭގެ ތެރެއިން 65 ޕަސެންޓު ނިސްބަތްވަނީ ވެސް ރިސޯޓުތަކަށެވެ.

