މި އަންނަ ރަމަޟާންމަހު ސަރުކާރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ހެޔޮއަގެއްގައި ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އެސްޓީއޯ މެދުވެރިކޮށް މިކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރަމަޟާންމަހަކީ، ކޮންމެ އަހަރަކުވެސް ކެއިން ބުއިމަށް ބޭނުންކުރާ ބާވަތްތަކަށް އޮންނަ ޑިމާންޑް އެހެން މަސްމަސްތަކަށްވުރެ ބޮޑުތަނުން އިތުރުވެގެންދާ މަހެކެވެ. މިގޮތުން އަގުތައް ހިފެހެއްޓިފައި ބެހެއްޓުމަކީ، މިސަރުކާރުން އާންމުންނަށް ވެފައިވާ ވަރަށް މުހިއްމު ވައުދެކެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ނިމިދިޔަ 2 ރަމަޟާން މަހުވެސް ކާބޯތަކެތީގެ އަގުތައް ހުރީ އޭގެކުރީ ރަމަޟާން މަސްތަކާއި އަޅާބަލާއިރު އެއްއަގެއްގައި ހިފެހެއްޓިފައި ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާންމަހުވެސް ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓުގައި މީގެކުރިން، ގާތްގަނޑަކަށް 60 އަހަރު ދުވަހު އޮތީ ހަނޑޫ، ހަކުރު އަދި ފުށުގެ 3 ބާވަތެވެ. ނަމަވެސް، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި 3 ބާވަތުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީ، އަދި މުގާއި، ބިސް، އަލުވި ވެސް އަސާސީ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. މިތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.
މި މަސައްކަތުގެ ދަށުން އެސްޓީއޯއިން މާލޭގައި މިހާރު ވަނީ އަތޮޅު ފިހާރަތަކާއި ދިމާލުގައި ހޯލްސޭލް ސެންޓަރެއް ގާއިމްކޮށްފައެވެ. މިތަނުގެ ބޭނުމަކީވެސް އަސާސީ ކާބޯތަކެތީގެ 23 ބާވަތް ހޯލްސޭލްކޮށް ފޯރުކޮށްދިނުމެވެ. އަދި ރަމަޟާންމަސް އަންނައިރު، ހުޅުމާލޭގައިވެސް މިފަދަ ވަސީލަތްތައް ގާއިމްވެގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މީގެއިތުރަށްވެސް ރާއްޖޭގެ ސިޓީތަކުގެ ތެރެއިން އައްޑޫ، ކުޅުދުއްފުށި، ތިނަދޫ ކަހަލަ ބޮޑެތި އާބާދީތަކުގައިވެސް އެސްޓީއޯގެ ސެންޓަރުތައް ހަދައި މި ތަކެތި ލިބޭ ގޮތަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު ރައީސް ނިންމަވާފައިވަނީ، 3000 އިން މަތީގެ އާބާދީތަކަށް އެސްޓީއޯގެ މިދެންނެވި 23 ބާވަތް ޑައިރެކްޓްކޮށް ލިބޭނެ ގޮތަށް ކަށަވަރުކޮށްދިނުމާއި، 3000 އިން ދަށުގެ އާބާދީތަކުގައިވެސް އެޖެންޓުން މެދުވެރިކޮށް މި 23 ބާވަތް ލިބޭނެކަން ޔަޤީންކުރުން. އެ މަސައްކަތް މިހާރު އެސްޓީއޯއާއި އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށް މިގެންދަނީ. އެ މަސައްކަތް އެބަދޭ ބާރަށް ހަމަ
ވަޒީރު ސަޢީދު
މީގެއިތުރުން، މި ސަރުކާރުން ވަނީ، މުޅިން އަލަށް "އެސެންޝިއަލް ކޮމޯޑިޓީ ޕްރައިޒް އިންޑެކްސް" (އީސީޕީއައި)އެއް ނެރެން ފަށާފައެވެ. މިއީ ޢާއްމުކޮށް ގޭބިސީއަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަނެ، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ތައްޔާރުކުރެވިފައިވާ އިންޑެކްސްއެކެވެ. މި އިންޑެކްސްގެ ސަބަބުން ކާބޯތަކެތީގެ އަގުތައް މޮނިޓަރކޮށް، އާންމުންނަށް ބޭނުންވާ ތަކެތި ހެޔޮއަގުގައި ލިބުން ކަށަވަރުކުރުމަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

