ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ކުޑަ، އެހެނަސް ފަތުރުވެރިކަމުގެ ސިނާއަތުން މުއްސަނދިކަން ހޯދާފައިވާ ގައުމެކެވެ. ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ މައްޗަށެވެ. އެހެންނަމަވެސް، މި ހަނި ބިންގަލުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދެއްގެ ކުރިމަގަށް ބަލާއިރު، ގިނަ ގޮންޖެހުންތަކާއި އެކު ފުރުސަތުތަކެއް ވެސް އެބަހުއްޓެވެ. އެހެންނަމަވެސް ހިކުމަތްތެރިކަން އިސްނުކޮށްފިނަމަ ނާއުންމީދީ ހާލަތެއް މެދުވެރިވުން ގާތެވެ.
- ފަތުރުވެރިކަން: ދިވެހިރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 25 އިންސައްތަ އަކީ ސީދާކޮށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއެވެ. ނަމަވެސް، މި ސިނާއަތާ ގުޅިފައިވާ އެހެނިހެން ދާއިރާތައް ކަމަށްވާ ދަތުރުފަތުރާޢި ވިޔަފާރި، ބިދޭސީ ވަޒީފާގެ ފުރުސަތުތައް ހިމަނައިފިނަމަ މި އަދަދު 70 އިންސައްތަ އަށް ވުރެ މަތިވާކަމަށް އިގްތިސާދީ މާހިރުން ލަފާކުރައްވައެވެ. މިއީ އިގްތިސާދު އެންމެ ސިނާއަތަކަށް ބަރޯސާވެފައިވާ މިންވަރު ދައްކުވައިދޭ އަދަދެކެވެ.
- ދަރަނި: 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި، ގައުމީ އުފެއްދުންތެރިކަމުގެ ޖީޑީޕީ 110 އިންސައްތަ އަށް ވުރެ މަތިކަމަށް ލަފާކުރެވެއެވެ. މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލާއިރު ވަރަށް މަތީ އަދަދެކެވެ. ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނި އިތުރުވަމުންދާތީ، މި ދަރަނިތައް ދެއްކުމަށްޓަކައި އަހަރަކު ކުރަން ޖެހޭ ޚަރަދު ބޮޑުވެ، ބަޖެޓަށް ބުރަ ބޮޑުވެއެވެ.
- ވިޔަފާރީގެ ބެލެންސް: ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު، ބޭރުކުރާ މުދަލުގެ އަގަށް ވުރެ މާބޮޑަށް އިތުރުވެފައިވުމުގެ ސަބަބުން، ކޮންމެ އަހަރަކު ވެސް ބޮޑު ވިޔަފާރީގެ ދަރަންޏެއް އަންނަނީ ދިމާވަމުންނެވެ. ދެހާސް ބާވީސް ވަނަ އަހަރު އެތެރެކުރި މުދަލުގެ އަގު 4.9 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ބޭރުކުރި މުދަލުގެ އަގު ހުރީ 270 މިލިއަން ޑޮލަރުގައެވެ. މިއީ ޑޮލަރުގެ މައްސަލަތައް އިތުރުވާ އެއް ސަބަބެވެ.
- އިންފްލޭޝަން: 2022 އަދި 2023 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް ވެސް މަތިވެ، ހަ އިންސައްތަ އާއި އަށަކާ ދެމެދުގެ އަދަދެއްގައި ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ އާންމު ރައްޔިތުންނަށް، ޚާއްސަކޮށް ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ވަރަށް ބޮޑު ބުރައެކެވެ. މިހާރުވެސް މަންޒަރު ފެންނަނީ އިންފްލޭޝަން އުފުލޭނެ ގޮތަށެވެ.
މި ތަފާސް ހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމެވެ. އިގްތިސާދު ތަފާތު ކުރުމާއި، ދަރަނި ކުޑަ ކުރުމާއި، ދައުލަތުގެ ޚަރަދު ކޮންޓްރޯލްކުރުމަކީ ކުރިމަގުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.
މި ފަހުން ލަންކާއަށް ދިމާވި އިގްތިސާދީ ހާލަތަކީ މުޅި ސަރަހައްދަށް ލިބުނު ފިލާވަޅެކެވެ. ރާއްޖޭގެ އިގްތިސާދަށް ވެސް ލަންކާގެ ހާލަތާ ގުޅޭ ބައެއް ކަންބޮޑުވުންތައް އެބަހުއްޓެވެ. ދެ ގައުމުގައި ވެސް ބޭރުގެ ދަރަނި މަތިވުމާއި، އެތެރެކުރާ މުދަލަށް ބަރޯސާވުމާއި، ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި ޚަރަދުތައް ކުރުން ފަދަ ސިފަތައް އެބަހުއްޓެވެ. އެހެންނަމަވެސް، ރާއްޖެއާއި ލަންކާގެ އިގްތިސާދީ އޮނިގަނޑު ވަރަށް ތަފާތެވެ. ލަންކާއަކީ އާބާދީ ބޮޑު، ގިނަ ސިނާއަތްތަކެއް ހިމެނޭ އިގްތިސާދެކެވެ. ރާއްޖެއަކީ އާބާދީ ކުޑަ، ފަތުރުވެރިކަމުގެ އާމްދަނީން ގިނަ ކަންތައްތައް ހިނގާ ގައުމެކެވެ. ރާއްޖެއަށް ލިބޭ ބޭރުގެ އެހީތެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިކަން ލަންކާއާ އަޅާ ބަލާއިރު ތަފާތެވެ. ނަމަވެސް، ދަރަނި ބޮޑުވެގެން ދިއުމާއި، ދައުލަތުގެ ޚަރަދު ކޮންޓްރޯލް ނުކުރެވުމާއި، އާމްދަނީ އިތުރުނުވެއްޖެނަމަ، ލަންކާއަށް ވީ ފަދަ ހާލަތަކާ ނުވަތަ އެއަށް ވުރެ ދަށް ހާލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ. މިކަންކަމުން ރައްކާތެރިވުމަށްޓަކައި، ދަރަނި ކުޑަކުރުމަށް މަސައްކަތްކޮށް، ފައިސާގެ ގޮތުން އިގްތިސާދު ހަރުދަނާކޮށް، ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.
