މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ފަސޭހައިން ކްލިއަރ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފިކަން ހާމަކޮށްފިއެވެ. މި ބަދަލުތަކުގެ ތެރޭގައި 24 ގަޑިއިރު މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް ފެށުމާއި، މުދަލަށް ޑެމެރޭޖް ނާރާނެ ވަގުތު އިތުރުކުރުން ހިމެނެއެވެ. މިކަންކަން ހަމަޖައްސާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ލުއިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދުފުޅަކާއި ގުޅިގެންނެވެ.
އެމްއޭސީއެލްގެ ޚިދުމަތްތަކަށް މި ހަރުދަނާ ބަދަލުތައް ގެނެސްފައިވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމެއްގައި މިކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކުރުމާއި ގުޅިގެނެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން، ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ، ކާގޯ ސަރވިސަސް އިބްރާހިމް ހުސައިން ވިދާޅުވީ އެމްއޭސީއެލްގެ ކާގޯގެ ޚިދުމަތް މިހާތަނަށްވެސް ދެމުން އައީ 24 ގަޑިއިރު ކަމަށެވެ. ނަމަވެސް މި ޚިދުމަތާއި ގުޅިފައިވާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ޚިދުމަތް ދެމުން އައި ގަޑިތަކުގެ ސަބަބުން، ކާގޯ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށް ދަތިތައް ހުރި ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމާއެކު، ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، މުޅިން އެއްކޮށް 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށް އިބްރާހިމް ހުސައިން ވިދާޅުވިއެވެ. "ކުރިއަރ ޚިދުމަތްތައް ރޭގަނޑު 9 ޖަހާއިރު ހުއްޓާލިނަމަވެސް މިހާރު އެ ޚިދުމަތް 24 ގަޑިއިރަށް ވަނީ ބަދަލުކޮށްފައި. ކުރިއަރ ޚިދުމަތައް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. 24 ގަޑިއިރަށް ޚިދުމަތް ދޭން ނިންމިނަމަވެސް ބާރުބޮޑު ނޫން ވަގުތުތަކުގައިވެސް ޚިދުމަތް ހޯދަން އިލްތިމާސްކުރަން." އިބްރާހިމް ހުސައިން ވިދާޅުވިއެވެ.
މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކުރުމުގެ އިތުރުން، މުދާ ބަހައްޓައިގެން އަގު ދައްކަން ނުޖެހޭ ވަގުތު ނުވަތަ ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ. އެމްއޭސީއެލްއިން ވަނީ މިއީ ޚިދުމަތް ހޯދާ ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ކޫރިއަރ އޭޖެންޓުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމަށް ފާހަގަކޮށްފައެވެ.
ކާގޯގެ ޚިދުމަތައް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އިތުރު ޚިދުމަތްތަކެއްވެސް ތަޢާރަފްކުރުމަށް އެމްއޭސީއެލްއިން ވަނީ ނިންމާފައެވެ. ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޔޫއެލްޑީ ސްޓޯރޭޖް ނުވަތަ މަތިންދާ ބޯޓަށް މުދާ އެރުވުމުގެ ކުރިން އެޕްރަން މަތީ މުދާ ބަހައްޓާ ސަރަހައްދު ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު މުދާ ކްލިއަރ ކުރެވޭ މިންވަރު އަވަސް ކުރުމަށް އިތުރު އެކްސްރޭ މެޝިންތައް ބަހައްޓައި ބައެއް ޚިދުމަތްތައް އޮޓޮމޭޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.

