ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސް.އެމް.އީސް) ދިމާވާ ގުދަން ކުރުމުގެ ދަތިކަން ހައްލުކުރުމަށް، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ސްޓޯރޭޖް ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރައިން މިއަދު ހާމަކުރައްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން މާލެއާއި، ކުޅުދުއްފުށިސިޓީ އަދި އައްޑޫސިޓީގައި ހެޔޮ އަގުގައި މުދާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ވަނީ އެސް.އެމް.އީސް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއްގެ ދަށުން، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަހަރުކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެސް.އެމް.އީސްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުން ހުށަހެޅި ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން މިކަންކަން ކުރިއަށް ގެންދާކަމަށް ވުޒާރާއިން ވިދާޅުވިއެވެ. ގުދަން ކުރުމުގެ ދަތިކަމުގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރުތަކުން މުދާ ކްލިއަރކުރުން އަވަސްކުރުމާއި، މުދާ އުފުލާ އުޅަނދުތަކުގެ ކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވުޒާރާއިން ބަޔާންކުރިއެވެ.
އެސް.އެމް.އީސްތަކުން ފާޅުކޮށްފައިވާ އެހެން ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުންވެސް ސަރުކާރުން ވަނީ ފިޔަވަޅުތައް އަޅުއްވާފައެވެ. ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ބޭތިއްބުމަށް ޚާއްސަ ކޮޓަރިތައް ކުއްޔަށްދޭ ވިޔަފާރިތައް ރެޖިސްޓްރީކޮށް ކޮޓާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނެސްފައިވާކަން ވުޒާރާއިން ފާހަގަކުރިއެވެ.
މީގެ އިތުރުން، ވިޔަފާރިތަކުން އެތެރެކުރާ މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށްފައިވާއިރު، މުދާ ކްލިއަރކުރުމުގެ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ނިންމުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ކަމާ ގުޅުންހުރި އިދާރާތަކުން މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ. މިކަންކަމުގެ ތަފްސީލްތައް ކަމާގުޅުންހުރި އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

