ޤައުމީ އެއަރލައިން މޯލްޑިވިއަނުން މާލެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ސީދާ ދަތުރުތައް މާރިޗު މަހުގެ 12 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތުގެ ޓިކެޓު ވިއްކަން އެ އެއަރލައިނުން މިހާރު ވަނީ ފަށާފައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށެވެ.މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހުއެވެ. ދަތުރުތަކުގެ ވަގުތުތައް ރޭވިފައިވަނީ ފަތިހުގެ ވަގުތެއްގައި ޑާކާއަށް ފޯރާ ގޮތަށެވެ. މީގެ ސަބަބުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ކަނެކްޓިން ފްލައިޓްތައް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ދަތުރުތައް އަލުން ފަށާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަކަށް ވުމުން، މިއީ އީދު ބަންދަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝް މީހުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށްވާނެ ކަމަށެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް އާއި ފްލައިޓްގައި ކެއުމުގެ ހިދުމަތް ލިބޭނެ ކަމަށާއި، މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ޓިކެޓް ބުކް ކުރުމަށް މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *