ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު (ޕީ.އައި.އެފް) އިން ބަލަހައްޓަމުންދާ ރައުސްމާލު 1.15 ޓްރިލިއަން ޑޮލަރަށް އަރައި، ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު ސަވެރިން ވެލްތު ފަންޑުގެ މަގާމު އެ ފަންޑުން ހޯދައިފިއެވެ.

ސަވެރިން ވެލްތު ފަންޑު އިންސްޓިޓިއުޓްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕީ.އައި.އެފްގެ ރައުސްމާލުގެ 80 އިންސައްތަ އިންވެސްޓްކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އެތެރޭގެ މަޝްރޫއުތަކަށެވެ. އަދި ފަންޑުގެ ޕޯޓްފޯލިއޯގެ 55 އިންސައްތަ އަކީ "އަލްޓަނޭޓިވް އެސެޓްސް" ނުވަތަ ބަދަލު އިންވެސްޓްމަންޓްތަކެވެ. މިއީ ދުނިޔޭގެ އެހެން ބޮޑެތި ފަންޑުތަކާ އަޅާބަލާއިރު ތަފާތު އުސޫލެކެވެ. މިސާލަކަށް، ދުނިޔޭގެ އެއްވަނައިގައި އޮތް ނޯވޭގެ ފަންޑުން އެ ގައުމުގެ އެތެރޭގައި އެއްވެސް އިންވެސްޓްމަންޓެއް ނުކުރެއެވެ.

އަރުގާމް ރިޕޯޓްތަކުން އެނގޭ ގޮތުގައި، 2024 ވަނަ އަހަރުގެ ނިޔަލަށް 925 ބިލިއަން ޑޮލަރުގައި ހުރި ޕީ.އައި.އެފްގެ ރައުސްމާލު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 226 ބިލިއަން ޑޮލަރު އިތުރުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ސަވެރިން ފަންޑުތަކުގެ ތަރުތީބަށް ބަލާއިރު:

  1. ނޯވޭގެ ގަވަރްމަންޓް ޕެންޝަން ފަންޑު (2.04 ޓްރިލިއަން ޑޮލަރު)
  2. ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ ފޮރިން އެކްސްޗޭންޖް (1.69 ޓްރިލިއަން ޑޮލަރު)
  3. ޗައިނާ އިންވެސްޓްމަންޓް ކޯޕަރޭޝަން (1.56 ޓްރިލިއަން ޑޮލަރު)
  4. އަބޫދާބީ އިންވެސްޓްމަންޓް އޮތޯރިޓީ (1.18 ޓްރިލިއަން ޑޮލަރު)
  5. ސައުދީ އަރަބިއްޔާގެ ޕީ.އައި.އެފް (1.15 ޓްރިލިއަން ޑޮލަރު)

1971 ވަނަ އަހަރު އުފެއްދި ޕީ.އައި.އެފް އަކީ ސައުދީގެ "ވިޜަން 2030″ އިގްތިސާދީ ސިޔާސަތުގެ މައިބަދައެވެ. މި ފަންޑުން ދަނީ ޓެކްނޮލޮޖީ، ފަތުރުވެރިކަން އަދި އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

މިގޮތުން، މިދިޔަ ޑިސެމްބަރު މަހު ޕީ.އައި.އެފް އިން ވަނީ ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ޖޭ.އެލް.އެލް އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ސައުދީ ފެސިލިޓީޒް މެނޭޖްމަންޓް ކޯ (އެފް.އެމް.ޓެކް) ގެ ބޮޑު ހިއްސާއެއް ޖޭ.އެލް.އެލް އިން ގަންނާނެއެވެ. ނަމަވެސް ފަންޑުން އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ދަމަހައްޓާނެއެވެ.

މީގެ އިތުރުން، ނޮވެމްބަރު މަހު ޕީ.އައި.އެފް އިން ވަނީ އުއްމުލް ގުރާ ފޯ ޑިވެލޮޕްމަންޓް އެންޑް ކޮންސްޓްރަކްޝަން ކުންފުނީގެ 48 މިލިއަން ހިއްސާ ވިއްކާލައި، 253 މިލިއަން ޑޮލަރު ހޯދާފައެވެ. މިއީ ސައުދީގެ އިގްތިސާދު ސިންދަފާތުކޮށް، ތެލަށް ބަރާސާވާ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅުތަކެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *