ސަރުކާރުން މިހާރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެ މަސައްކަތްތައް ހިންގޭނެ ފަދަ ފަންނީ އަދި މާލީ ޤާބިލުކަން ހުރި ކުންފުނިތަކާ ހަވާލުކުރައްވައިގެން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ހިންގާފައިވާ ބައެއް މަޝްރޫޢުތަކަކީ އެންމެ ފައިދާހުރި ގޮތަށް ކުރިއަށްގެންގޮސްފައިވާ ކަންކަން ނޫން ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގައި ކުރިން އެޅި ގިނަ އެއަރޕޯޓުތަކަކީ އެއްވެސް ޕްލޭނެއް ނެތި، ހިންގޭނެ ގޮތެއް ބެލުމެއް ނެތި އަޅާފައިވާ ތަންތަން ކަމަށާއި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ހަނދާންއެބަހުރީ 2014 ވަނަ އަހަރު އަޅުގަނޑު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވިއިރު އޭރު ގިނަ އެއަރޕޯޓުތައް ހިންގަމުންދިޔައީ ސިވިލް އޭޝިވޭޝަންގެ ދަށުން. ސަރުކާރުން ބަޖެޓު ދީގެން އެއަރޕޯޓުތައް ހިންގަމުން ދިޔައީ. ދެން ވަރަށް އުނދަގޫކޮށް އޮންނަނީ، އެތަން ހަލާކުވިޔަސް އެއްވެސް ކަމެއް ނުއެއް ކުރެވޭ،

ވަޒީރު

މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މިހާރު މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ފަންނީ އަދި މާލީ ޤާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރައްވައިގެން ކަމަށެވެ. މިސާލެއްގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފާހަގަކުރައްވައި، އެ ކުންފުންޏަކީ ކާމިޔާބު މަޝްރޫޢުތަކެއް ހިންގުމުގެ ފުރިހަމަ ތަޖުރިބާ އާއި ޤާބިލުކަން ހުރި ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ދުރު ވިސްނުންފުޅަކާއެކު ކަންކަން ރާއްވަވައި، ވަރަށް ޤާބިލުކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައިގެން ރައީސް ކުރައްވާ ކަންކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް މިހާރު ނެތް ކަމަށްވެސް ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސް ދަނީ ދައުލަތުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކި ފެންވަރުގައި މަސައްކަތްތައް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *