މިދިޔަ އަހަރު ރާއްޖެއިން ބޭރުގެ މާރުކޭޓުތަކަށް އެކްސްޕޯޓްކުރި މަހުގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭގެ މަހުންމަހަށް ނެރޭ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ މިންވަރު ވަނީ 87 އިންސައްތަ އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ވަނީ ޖުމްލަ 69,564 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 37,213 މެޓްރިކް ޓަނުގެ މަހެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ފިނިކުރި ނުވަތަ ގަނޑުކުރި މަސް އެކްސްޕޯޓްކުރި މިންވަރަށެވެ. އެގޮތުން މި ބާވަތުގެ މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 105 އިންސައްތަ އިތުރުވެފައެވެ. 2024 ވަނަ އަހަރު 29,910 މެޓްރިކް ޓަނުގެ ގަނޑުކުރި މަސް އެކްސްޕޯޓްކުރިއިރު، 2025 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް މި އަދަދު ވަނީ 61,281 މެޓްރިކް ޓަނަށް އަރާފައެވެ.

މީގެ އިތުރުން، ދަޅުގައި ނުވަތަ ޕައުންޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު 9.4 އިންސައްތަ އިތުރުވެ، 5,788 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. އަދި ޕްރޮސެސްކޮށްގެން އެކްސްޕޯޓްކުރި މަހުގެ މިންވަރުވެސް ވަނީ 34.9 އިންސައްތަ އިތުރުވެފައެވެ.

ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް މަހުގެ ބާވަތްތަކުން އަދާކުރާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތުން އިޤްތިޞާދަށް ކުރާ ފައިދާ އިތުރުކުރުމެވެ. މިގޮތުން، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މަސް ރައްކާކުރާ މިންވަރާއި ޕްރޮސެސްކުރާ މިންވަރު އިތުރުކުރުމުން، ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ މިހާރަށްވުރެ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *