ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ދަރަނިތައް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ބައިނަލްއަޤްވާމީ އިންވެސްޓަރުންނަށް މިހާރު ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ޙާލަތާމެދު އޮތީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި ކަމަށެވެ. ޚާއްޞަކޮށް، ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށާއި ދަރަނިތައް ނުދެއްކޭނެ ކަމަށް ބުނެ މާލީ އިދާރާތަކުން ނެރެމުންދިޔަ ރިޕޯޓުތަކަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.

ފެބްރުއަރީ 2024 ވަނަ އަހަރު ބަނގުރޫޓު ވާނެ ކަމަށް ބުނި. އެއަހަރު މެދުތެރޭ ވާނެ ކަމަށް ބުނި. 2025 ވަނަ އަހަރު ޖެނުއަރީ ފެބްރުއާރީ ހިސާބުގައިވެސް ބުނަމުން ދިޔަ. ރާއްޖޭގެ ދަރަންޏެއް ނުދެއްކޭނެއޭ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރި ނިޔަތުގައި މަސައްކަތް ކުރެއްވުމަށް ނިކުމެވަޑައިގެން ހުންނެވީމަ އަޅުގަނޑުމެންނަށް ފާހަގަވީ ރާއްޖޭގެ އިޤްތިޞާދަށް އިސްލާހީ ބަދަލުތަކެއް އައިކަން،

ވަޒީރު ޒަމީރު

ރާއްޖޭގެ މާލީ ޙާލަތަށް އައި ހެޔޮ ބަދަލުގެ އެންމެ ބޮޑު އެއް ހެއްކަކީ ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު އުފުލުމެވެ. ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކުގެ އަގު، 2024 އެޕްރީލް މަހުގެ ކުރީކޮޅު 67.4 ސެންޓަށް ވެއްޓިފައި އޮތުމަށްފަހު، މިހާރު ވަނީ 90 ސެންޓަށްވުރެ މައްޗަށް ޖެހިފައެވެ.

ވަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހަށްފަހު ސުކޫކުގެ އަގު މިހާ މަތީގައި ހިފެހެއްޓިފައި ހުރުމަކީ އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ އިތުބާރު ރާއްޖެއަށް އޮތްކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި މިހާރުވެސް އިންވެސްޓަރުން ޔަޤީންކަމާއެކު ސުކޫކު ގަންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސުކޫކަށް އަހަރަކު ދެ ފަހަރުގެ މަތިން ޖުމްލަ 50 މިލިޔަން ޑޮލަރު އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭއިރު، އަންނަ އަހަރުގެ އެޕްރީލް މަހު ސުކޫކުގެ މުއްދަތު ހަމަވުމުން، އެ އެއްފަހަރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ވަޒީރު ޒަމީރު ޔަޤީންކަން ދެއްވި ގޮތުގައި، ސަރުކާރުން މިހާރު ދަނީ އެޕްރީލް މަހު ދައްކަންޖެހޭ ފައިސާ އެއްކުރަމުންނެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެޅި ހަރުދަނާ އިޤްތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން، ދަރަނިތައް ދެއްކުމުގައި އެއްވެސް ލަސްވުމެއް ނެތި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މާލީ ވުޒާރާއިން ވަނީ ދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *