ފެށުނު އައު އަހަރާ ދިމާކޮށް، މީހުންގެ ކިބައިގައި ރީތި އާދަތައް އަށަގެންނެވުމަށް ބާރުއެޅުމުގެ ގޮތުން ދިރާގުން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ. "ސްޕިން ދަ ވީލް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ އައު އަހަރަށް އައު އަޒުމެއް ކަނޑައެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ފެށި ހަރަކާތެކެވެ.
މި ހަރަކާތުގެ ދަށުން ދިރާގު ހެޑް އޮފީހުގެ ބޭރުގައި މިހާރު ވަނީ "ސްޕިން ދަ ވީލް" ބިލްބޯޑެއް ބަހައްޓާފައެވެ. ކޮންމެ މީހަކަށް ވެސް މި ބުރު އަނބުރާލައިގެން އައު އަހަރަށް އައު އަޒުމެއް ކަނޑައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.
'ސްޕިން ދަ ވީލް' ގައި ކަނޑައެޅިދާނެ އަށް އަޒުމެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާ ހުނަރެއް ދަސްކުރުން
- ދީނީ ކަންކަމަށް ސަމާލުކަން ދިނުން
- ކޮންމެ ދުވަހަކުވެސް ލިބޭ ކުދިކުދި ކާމިޔާބީތައް ފާހަގަކުރުން
- އޯގާތެރިވުން
- އާ ކަމެއް ތަޖުރިބާކުރުން
- ގިނަގިނައިން ހެލިފެލިވެއުޅުން
- ލޯބިވާ މީހުންނާއެކު ގިނަ ވަގުތު ހޭދަކުރުން
- ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ އާދަ ހަރުލެއްވުން
ދިރާގުން ބުނި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މީހުންގެ މެދުގައި ރަނގަޅު އާދަތައް އަށަގެންނެވުމަށް ބާރުއަޅައި، މި ފެށުނު އަހަރަކީ ހުރިހާ ގޮތަކުން ވެސް ފައިދާހުރި އަދި ރަނގަޅު ކަންކަމަށް އިސްކަންދޭ އަހަރަކަށް ހެދުމަށް ހިތްވަރު ދިނުމެވެ. މިއީ މުޖުތަމައުގެ ބަދަހިކަމާއި އަމިއްލަ ކުރިއެރުމަށް މަގުފަހިވާނެ ކަންތައްތަކެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

